އެފްރިކަން ކަޕް އޮފް ނޭޝަންސް 2026 ގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ލިވަޕޫލްގެ ތަރި ސަލާހު އާއި ސިޓީގެ ފޯވާޑް މަރްމޫޝް ޖެހި ޕެނަލްޓީ ނާކާމިޔާބުވެ މިސްރަށް ތިން ވަނަ ގެއްލިއްޖެއެވެ. މޮރޮކޯގެ ވެރިރަށް ކަސަބްލަންކާގައި ހޮނިހިރު ދުވަހު ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ބައްދަލުކުރީ ނައިޖީރިއާ އާއި މިސްރެވެ. މި މެޗުން 4-2 އިން މޮޅުވެ ތިން ވަނަ ހޯދީ ނައިޖީރިއާއެވެ.
މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވިއެވެ. އެގޮތުން މިސްރުގެ ކެޕްޓަން މުޙައްމަދު ޞަލާހުއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. 90 މިނެޓް ކުޅެ ނިމުނުއިރު ދެ ޓީމަށްވެސް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިސްރުން ޖެހި 4 ޕެނަލްޓީގެ ތެރެއިން ޞަލާހު އާއި މަރްމޫޝް ޖެހި ޕެނަލްޓީ ނާކާމިޔާބުވިއެވެ. މި ދެކުޅުންތެރިން ޖެހި ޕެނަލްޓީ ވަނީ ނައިޖީރިއާގެ ކީޕަރ މަތަކޮށްފައެވެ. ނަޖީރިއާ އިން ޖެހި 5 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އެއް ޕެނަލްޓީއެވެ.
މުބާރާތުގެ ފެވަރިޓެއް ގޮތުގައި އައި ނައިޖީރިޔާ ސެމީ ފައިނަލުން ބަލިވީ މުބާރާތް ބާއްވާ މޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. މިސްރު ސެމީ ފައިނަލުން ބަލިވީ ސެނެގޯލް އަތުންނެވެ.


