ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ވައިގެ މަގުން ރެކޯޑު އަދަދަކަށް މުދާ ބޭރުކޮށްފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، މި ހިނގާ ޖުލައި މަހުގެ 12 ވަނަ ދުވަހު އެއް ދުވަހެއްގެ ތެރޭގައި 114 ޓަނުގެ މުދާ ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ. މިއީ ވީއައިއޭގެ ތާރީޚުގައިވެސް އެއް ދުވަހާ އެންމެ ގިނައިން މުދާ ބޭރުކުރި ދުވަހެވެ. މީގެކުރީގެ ރެކޯޑަކީ 100 ޓަނެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެއާޕޯޓުން ވަނީ ޖުމްލަ 7,928 ޓަނުގެ މުދާ ރާއްޖެއިން ބޭރުކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި 6,879 ޓަނުގެ މުދަލާ އަޅާބަލާއިރު %15 ގެ އިތުރުވުމެކެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ މާރިޗު މަހުގައެވެ. އެ މަހު އެކަނިވެސް 1,791 ޓަނުގެ މުދާ ވައިގެ މަގުން ބޭރުކޮށްފައިވެއެވެ.
އެއާޕޯޓުގެ ކާގޯ އޮޕަރޭޝަންސްތަކަށް ބަލާއިރު، ފުރަތަމަ 6 މަހުގެ ތެރޭގައި އެންމެ ގިނައިން މުދާ އެތެރެކުރި (އިންބައުންޑް ޓްރާންޝިޕްމަންޓްސް) އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ އެފްކޮމް ހޯލްޑިންގްސް %27، ސްރީލަންކަން އެއާލައިންސް %25، ޗައިނާ އީސްޓަން އެއާލައިންސް %7، ބެއިޖިންގް ކެޕިޓަލް އެއާލައިންސް %7 އަދި ސިންގަޕޯ އެއާލައިންސް %6 އެވެ.
އަދި އެއާޕޯޓުން އެންމެ ގިނައިން މުދާ ބޭރުކުރި (އައުޓްބައުންޑް ޓްރާންޝިޕްމަންޓްސް) މައިގަނޑު އެއާލައިންތަކަކީ ޓާކިޝް އެއާލައިންސް %14، ބްރިޓިޝް އެއާވޭސް %14، އެއިރޯފްލޮޓް %12، ވާޖިން އެޓްލާންޓިކް %9 އަދި ގަތަރު އެއާވޭސް %9 އެވެ.
ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި، މި އައު ރެކޯޑާއެކު ސަރަހައްދީ އެއާ ކާގޯ ޓްރާންޝިޕްމަންޓް ހަބެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ. އަދި މިއީ ރާއްޖެ މެދުވެރިކޮށް މުދާ އުފުލުމަށް ބައިނަލްއަޤުވާމީ މާކެޓުގައި އޮތް ޑިމާންޑާއި އެއާލައިންތަކުގެ އިތުބާރު ބޮޑުވަމުންދާކަމުގެ ސާފު ހެއްކެކެވެ.
A new record set as 114T of transshipment cargo is exported in a day, marking a significant achievement in air freight operations✈️📦
This record comes as MLE transshipment continues to grow, with overall volumes surpassing 7,000 tonnes in the first half of 2026, reinforcing the… pic.twitter.com/zpkMQB59hF— Velana Airport (@VelanaAirport) July 13, 2026


