އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގާ "ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ލީޑަރޝިޕް އެންޑް ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ދެކުނުގެ ސަރަހައްދުގެ ބަލިމީހުންގެ ރައްކާތެރިކަމާއި ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އޭއީއެޗުން ފާހަގަކުރެއެވެ. 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އޭއީއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އަޙުމަދު އަދީލް ނަސީރެވެ.
މި ޕްރޮގްރާމްގައި އޭއީއެޗްގެ ކްލިނިކަލް އަދި ނޮން-ކްލިނިކަލް ދާއިރާތަކުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުގެ މަންދޫބުންނާއެކު %50 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާނެ "ޗެމްޕިއަން" ނެޓްވޯކެއް އުފައްދައި، އެ ފަރާތްތައް މެދުވެރިކޮށް ހޮސްޕިޓަލުގެ އެކި ދާއިރާތަކަށް މި މަޢުލޫމާތުތައް ފޯރުކޮށްދިނުމެވެ.
މި ރަސްމިއްޔާތުގައި ވަނީ "އޭއީއެޗް ޕޭޝަންޓް ސޭފްޓީ ޓްރެއިނިންގ އެންޑް ރިސޯސް މެނުއަލް – ޓުގެދަރ ޓުވާޑްސް ޒީރޯ އެވޮއިޑަބަލް ހާމް" ގެ ނަމުގައި ޚާއްޞަ މެނުއަލްއެއްވެސް ނެރެފައެވެ. މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އިސްވެރިންނާއި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ޖޭސީއައި ޕްރެޒިޑެންޝަލް ފެލޯ ޒަރާނާ މުހައްމަދު އަލީވެސް ވަނީ މުހިންމު ރިސޯސް ޕާސަނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
އޭއީއެޗުން ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން ބަލިމީހުންގެ ރައްކާތެރިކަމުގެ އުސޫލުތަކާއި، ސޭފްޓީ ކަލްޗަރ، އިންސިޑެންޓް ރިޕޯޓިންގ، ފަރުވާގެ ފެންވަރު ރަނގަޅުކުރުމުގެ އުކުޅުތައް، އިންފެކްޝަން ކޮންޓްރޯލް އަދި ލީޑަރޝިޕް ފަދަ މުހިންމު ދާއިރާތަކުން ބައިވެރިންނަށް ތަމްރީނު ދެވޭނެ ކަމަށެވެ. މީގެ އިތުރުން، އަމަލީ ގޮތުން ކުރެވޭ ސިމިއުލޭޝަން ތަމްރީނުތަކާއި ގްރޫޕް މަޝްވަރާތައްވެސް ހިމެނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ބައިވެރިން ތަމްރީނު ނިންމުމަށްފަހު، އެ ބޭފުޅަކު މަސައްކަތްކުރާ ޑިޕާޓްމަންޓެއްގައި ބަލިމީހުންގެ ރައްކާތެރިކަން އިތުރުކުރުމުގެ ޕްރޮޖެކްޓެއް ހިންގަންޖެހޭނެއެވެ. މިއީ އޭއީއެޗްއިން ކަނޑައަޅާފައިވާ "ޒީރޯ އެވޮއިޑަބަލް ހާމް" ނުވަތަ އުނިކުރެވިދާނެ އެއްވެސް ގެއްލުމެއް ބަލިމީހާއަށް ނުލިބޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތުގެ ބައެއް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.


