ހުރްމުޒް ކަނޑުއޮޅީގެ ދެކުނު ފަރާތުން ދަތުރުކުރަމުންދިޔަ ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ކްރޫޒް މިސައިލް ޙަމަލާތަކެއް ދީ، އޭގެއިން އެއް ބޯޓުގެ ފަޅުވެރިއަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ ކަމަށް ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޔޫއޭއީގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ޙަމަލާ އަމާޒުވެފައިވަނީ އުމާންގެ ކަނޑުގެ ސަރަޙައްދުން ދަތުރުކުރަމުންދިޔަ ޔޫއޭއީގެ ދެ އުޅަނދަށެވެ. މި ޙަމަލާގައި މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފަޅުވެރިއެކެވެ. އަދި އިތުރު އަށް މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ޙާލު ސީރިއަސް ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. ޙަމަލާއާ ގުޅިގެން ދެ ބޯޓުގައިވެސް ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
ޔޫއޭއީ ސަރުކާރުން ވަނީ މި ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ވުޒާރާއިން ބުނި ގޮތުގައި މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ދީފައިވާ ފާޅުކަން ބޮޑު ލޭއޮހޮރުވުމެއްގެ ޙަމަލާއެއް ކަމަށާއި، މީގެ ސަބަބުން މުޅި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ.
އަދި މި ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ޔޫއޭއީގެ ސިޔާދަތާއި، ސަލާމަތާއި، ހަމަޖެހުން ދިފާޢުކުރުމަށާއި، ޤައުމުގެ ރައްޔިތުންނާއި މުދާ ޙިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ޙައްޤު ޔޫއޭއީއަށް ލިބިގެންވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާއަށް ވާގިވެރިވާ އުޅަނދުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް ދެވުނު މި ޙަމަލާއާއެކު، ގަލްފު ސަރަޙައްދުގެ މަސްރަޙު އިތުރަށް ގޯސްވެ، ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.


