ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަދެގަނެ، "އަތްބޭނުމުގެ" އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށް ބުނެ އީރާނުގެ އަސްކަރިއްޔާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުން މި އިންޒާރު ދީފައިވަނީ ވޮޝިންގްޓަނާއެކު އޮތް ދެކޮޅުވެރިކަން އަނެއްކާވެސް ބޮޑުވެ، މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ ޚާތަމް އަލް-އަންބިޔާ އަސްކަރީ ކޮމާންޑްގެ ތަރުޖަމާނު އިބްރާހިމް ޒުލްފިޤާރީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ އިންތިޒާމުތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަތުމަށް ފުރުޞަތު ނުދޭނެ ކަމަށެވެ. މީގެ އިތުރުން، ގަލްފުގެ ޤައުމުތަކުން އެމެރިކާއަށް އެއްވެސް ކަހަލަ އަސްކަރީ އެއްބާރުލުމެއް ނުވަތަ އެހީތެރިކަމެއް ފޯރުކޮށްދީފިނަމަ، އެއީ އީރާނާ ދެކޮޅަށް ވެވޭ "ހަނގުރާމައިގެ ޢަމަލެއް" ގެ ގޮތުގައި ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ބައިނަލްއަޤުވާމީ ވިޔަފާރިއާއި، ޚާއްޞަކޮށް ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ދަތުރުފަތުރުގައި އެންމެ މުހިންމު އެއް ސަރަޙައްދެވެ. އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން ސަރަޙައްދީ ސަލާމަތަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.


