މިހާރު ދިރިއުޅުއްވާ މުރައިދޫގެއާ ހިތްޕުޅާނުވާ ކަމަށާއި، ނޯޓިސްގެ މުއްދަތު ހަމަވުމުން އެގެއިން ނުކުންނަވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މަސައްކަތް ހުއްޓިފައި އޮތުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ ރައީސްކަމުންް ވަކިކުރަން ހުށަހަޅައި މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވާ ކަމަށް އަންގާފައިވާތީ އިނާޔަތްތައް ނަންގަވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ނޯޓިސް މުއްދަތު ހަމަވުމުން މުރައިދޫގެއިން ނިކުމެވަޑައިގަންނަވާނެ ކަމަށެވެ.
އަޅުގަނޑަކީ މާލޭގައި އުޅޭނެ ގޮތެއް ނެތް މީހެއް ނޫން. އަޅުގަނޑު ވަރަށް ބޭނުން ކެނެރީގެއަށް ބަދަލުވާން. އަޅުގަނޑުގެ ނޯޓިހަށް 14 ދުވަހަށް ވުމުން ދާނަން މުރައިދޫގެއިން.
– ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ހުށަހެޅުމާއި ގުޅިގެން ނޯޓިސް ދީފައި ވަނީ މިމަހުގެ 12 ގަ އެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވާނީ މި މަހުގެ 25 އަށެވެ.
މުރައިދޫގެއާ ހިތްޕުޅާނުވާ ސަބަބުތައްވެސް ރައީސް ނަޝީދު ހިއްސާކުރެއްވިއެވެ. މިގޮތުން، ރައީސް ނަޝީދުވަނީ މުރައުދޫ ގޭގައި ހުރި ވެންޓިލޭޝަންގެ މައްސަލައާއި އަނދިރިކަން ފާހަގަކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މާތް ރަސްކަލާންގެ އިރާދަފުޅުން އެމަނިކުފާނަކީ މާލޭގައި ދިރިއުޅޭނެ ގޮތެއް ނެތް، "ގެދޮރު ނެތް މީހެއް ނޫން" ކަމަށެވެ. އަދި ކެނެރީގެއަށް ބަދަލުވެވަޑައިގެންނެވޭނެ ގޮތެއް ހޯދައްދަވައިދެއްވަން އެދޭ ކަަމަށްވެސް ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ ނޯޓިސްއަށް 14 ދުވަސް ހަމަވުމުން މުރައިދޫގޭން ނުކުންނަވާނެ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ. ދައުލަތުން ފޯރުކޮށްދޭ ރަސްމީގެކޮޅުގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރެހެންދި އެޕާޓްމަންޓް ކޮމްޕެލްކްސް އިން އެޕާޓްމަންޓެއް ވަގުތީ ގޮތުން ހަމަޖެއްސުމަށް ނިންމައި އެގޮތަށް ހަމަޖެއްސެވީ 2021 ވަނަ އަހަރުގައެވެ.
ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. ރައީސް ނަޝީދު އޭގެ ކުރިން ދިރިއުޅުއްވަމުން ގެންދެވީ އެމަނިކުފާނުގެ ގ. ކެނެރީގޭގައެވެ.