ރައްޔިތުންގެ މަޖިލިސް ގާނޫނީ ހުސްކަމަކަށް އައިސް މަޖިލިސްގެ މަސައްކަތްތައް ހުއްޓުމާ ގުޅިގެން ދައުލަތުގެ އެއްބާރު ހުއްޓުމަކަށް އަތުވެއްޖެއެވެ.
ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތި ރައްޔިތުންގެ މަޖިލިސް ޤާނޫނީ ހުސްކަމަކަށް ގޮސްފައި މިވަނީ، ނަޝިދާ އެކު، ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން އިސްވެ ހުށަހެޅުމުން ރިޔާސަތު ބަލަހައްޓަވަން އެ ދެ ބޭފުޅުން ވެސް ވަނީ އިންކާރު ކުރެއްވުމާ ގުޅިގެންނެވެ.
ނަޝީދާއި އީވާ ރިޔާސަތު ނުބަލަހައްޓަވާތީ، ފާއިތުވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެކަމަކު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައިވެއެވެ.
އެހެންވެ، ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ނެތިގެން މިއަދު ބާއްވަންޖެހޭ ޖަލްސާ ވެސް ތާވަލެއް ނުކުރެއެވެ. މާދަމާ ވެސް ޖަލްސާ ނޯންނާނެ ކަން ނަޝީދު ވަނީ އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި އިއުލާން ކުރައްވާފައެވެ. މަޖިލިހުގެ ތާރީހުގައި ވެސް މިފަދަ ގޮތަކަށް ކަންތައް ދިމާވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.
މަޖިލިހުގެ ޖަލްސާ މިއަދު ނެތް ނަމަވެސް އިދިކޮޅުގެ މެމްބަރުން މިއަދު ވަނީ މަޖިލިހުގެ އިދާރާ އަށް ރަސްމީކޮށް ވަޑައިގެންފައެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު އިއްޔެ ވިދާޅުވީ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އިންކާރު ކުރެއްވީ ދުނިޔޭގެ "ބެސްޓް ޕްރެކްޓިސް" އާ އެއްގޮތަށް ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، އިސްތިއުފާ ނުދެއްވަނީ މައްސަލާގައި ސޮއި ކުރެއްވި ނަމަވެސް، ވޯޓު އެހެން ގޮތަކަށް ދެއްވުމުގެ ވިސްނުން ބައެއް މެމްބަރުން ގެންގުޅުއްވާތީ ކަމަށް ނަޝީދު އިއްޔެ ވިދާޅުވިއެވެ. އެފަދަ މެމްބަރުންގެ ވިސްނުން ހުރި ގޮތެއް ސީދާ ސާފުވާނީ ވޯޓާ ހަމައަށް ދިޔުމުން ކަމަށް ވެސް ވިދާޅުވިއެވެ.
ނަޝީދު އިއްޔެ ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އެމްޑީޕީން އެއްފަހަރާ ހުށަހެޅީ މަޖިލިސް ހުއްޓުވުމުގެ ނިޔަތުގައި ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެމަނިކުފާނު އެދިވަޑައިގަތީ މަޖިލިސް ހުއްޓޭ ގޮތަށް އަމަލުނުކުރައްވައި، އީވާގެ މައްސަލަ އަނބުރާ ނެންގެވުމަށެވެ.