ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތި، ގާނޫނީ ހުސްކަމަކަށް ގޮސްފައިވާއިރު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ފެނުނީ އެ އިދާރާގެ ގޯތިތެރޭގެ ކުޑަދަށުގައި އިދިކޮޅުގެ ބައެއް މެމްބަރުންނާ އެކު އިންނަވަނިކޮށެވެ.
މަޖިލިސް އާންމުކޮށް ފަށާ ގަޑި ނދުނު 9:00 ޖެހުމުގެ ކުރިން ރައީސް ނަޝީދު މިއަދުވެސް މަޖިލިސް ކުރާ ގެއަށް ވަޑައިގެންނެވި ކަމަށް ބައެއް މެންބަރުންގެ ފަރާތުން އަވަސް އެނގިފައިވެއެވެ.
ނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ މިއަދުވެސް އިދިކޮޅު މެންބަރުންނާ އެކު ވަގުތުތައް ހޭދަކުރައްވަނީ ކުޑަ ދަށުގައި ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.
ނަޝީދާއި އީވާ ރިޔާސަތު ނުބަލަހައްޓަވާތީ، ފާއިތުވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެކަމަކު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެއެވެ.
މަޖިލިސް އެކީގައިހެން ހުއްޓިފައި އޮންނަތާ ތިން ހަފުތާއެއްހާ ދުވަސް ފަހުން، ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު އިއްޔެ ވިދާޅުވީ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އިންކާރު ކުރެއްވީ ދުނިޔޭގެ "ބެސްޓް ޕްރެކްޓިސް" އާ އެއްގޮތަށް ކަމަށެވެ.
އަދި މަޖިލީހުގެ މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، އިސްތިއުފާ ނުދެއްވަނީ މައްސަލާގައި ސޮއި ކުރެއްވި ނަމަވެސް، ވޯޓު އެހެން ގޮތަކަށް ދެއްވުމުގެ ވިސްނުން ބައެއް މެމްބަރުން ގެންގުޅުއްވާތީ ކަމަށް ނަޝީދު އިއްޔެ ވިދާޅުވިއެވެ.