ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންނެވުމަށް މަޖިލީހުގެ މެމްބަރުން ނޭދޭ ކަމަށާއި، އެދެނީ ވީހާވެސް އަވަހަކަށް މަޖިލީހުގެ ރިޔާސަތުން ނަޝީދު ފޭބުމަށް ކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ނަޝީދު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮންޓްރޯލް މުޅި މަޖިލީހުގައި އޮތްކަން އެންމެނަށް ވެސް ސާފު ކަމަށެވެ. އެހެންވެ މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ނެންގެވުމަށް އެދި ވަޑައިގެންނެވިއެވެ. އަދި ކޮންމެ ވެސް އެއް ބޭފުޅެއްގެ ގާތު މަޖިލިސް ހިންގަވަން އެދިވަޑައިގަތުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.
މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، އެ މައްސަލަ ނުނަގަން ނިންމާފައިވާ ނުވާ ކަމަށާއި، އެކަން ނިންމާނީ ޕާލިމެންޓްރީ ގްރޫޕުން ކަަމަށެވެ. އަދި އެކަމާ މަޝްވަރާ ކުރަން ޖެހިއްޖެނަމަ މަޝްވަރާ ކުރާނެ ކަަމަށްވެސް ވިދާޅުވިއެވެ.
މިވީހާ ހިސާބަށް ޕާލިމެންޓްރީ ގްރޫޕްގެ އެއްވެސް ބޭފުޅަކު އެކަމާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ނެގުމާއި ގުޅޭގޮތުން މަޝްވަރާ ދީފައެއް ނުވޭ.
– އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްވަގުތެއްގައި މަޖިލީހަށް ހުށައަޅާފައި ވީނަމަވެސް، ރިޔާސަތު ބަލެހެއްޓެވުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްއަށް މަޖިލީހުގެ ރިޔާސަތު ބެލެއްޓެވުމަށް އުޒުވެރިވެވަޑައިގަންނަވާނަމަ، މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ފަސް މެންބަރުންނަށް ރިޔާސަތު ބެލެއްޓެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ކަނޑައަޅަފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެ މަޖިލިސް ހުއްޓުވޭނެ ޖާގައެއް މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގެންފައި ނުވާނެކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ނުބައްވާ އޮތުމަކީ މަޖިލީހުގެ ރައީސް ޤާނޫނީ ޒިންމާ އަދާ ނުކުރެއްވުންކަމަށް އަސްލަމް ސިފަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ، މަޖިލިސް ހުއްޓުވާފައިވާ މައްސަލައަށް ހައްލެއް ގެންނެވުމުގެގޮތުން ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ އެންމެފަހު ގޮތްކަމަށާއި، އެކަން ކުރައްވަން ޖެހިވަޑައިގެންފިނަމަ އެކަން ކުރައްވާނެކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހައްލުނުވެގެން ކޯޓަށް ދަންޖެހުމަކީ އަޅުގަނޑު ދެކޭގޮތުގައި ތަންކޮޅެއް ދެރަކަމެއް. އެކަން ނުކޮށްވެސް ވޭތޯ ބަލަން. ނަމަވެސް އެހިސާބަށް ދާންޖެހިއްޖެނަމަ އަޅުގަނޑުމެން އެހިސާބަށްވެސް ދާނަން." އަސްލަމް ވިދާޅުވިއެވެ.
ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ދެވަނަ ދައުރު މިމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޤަވާއިދުގައި ކަނޑައަޅާފައިވީނަމަވެސް، މަޖިލީހުގެ މިދައުރު ނިންމަވާލެއްވީކަމެއް މަޖިލީހުގެ އިދާރާއިން އަދި މަޖިލީހުގެ ރައީސްވެސް އަންގަވާފައިނުވާކަމަށެވެ.
މީގެ އިތުރުން މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރިކަންވެސް އަސްލަމް ފާހަގަކުރެއްވިއެވެ. އެގޮތުން ޖޭއެސްސީ އިސްލާހުކުރެއްވުމަށް ހުށައަޅުއްވާފައިވާ ބިލްތަކާއި، ޤާނޫނޫ އަސާސިއަށް ހުށައަޅަފައިވާ އިސްލާހުތަކެއްގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ދައުރު ހަމަވާތީ މެންބަރަކު އައްޔަންކުރެއްވުމުގެ މައްސަލަވެސް އަސްލަމް ފާހަގަކުރެއްވިއެވެ. އަދި ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށައަޅާފައިވާނިކޮށް، އެމައްސަލަތައްވެސް ކުރިއަށް ނުގެންދަވާކަމުގެ ކަންބޮޑުވުން އަސްލަމް ފާޅުކުރެއްވިއެވެ.
އަސްލަމް ވަނީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި އޮތް މައްސަލަ ޙައްލުކުރެވުމަށް މަޖިލީހުގެ ރައީސް މަސައްކަތްޕުޅު ނުކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ.