ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްދާ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ރަސްމީކޮށް ނިންމުމަށް މަދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ޖަލްސާތައް އެޖެންޑާ ކުރައްވާނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެމަނިކުފާނާއި މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައިވާތީ އެ ދެ ބޭފުޅުން ވަނީ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގެންފައެވެ.
އޭގެ އިތުރުން ވަގުތީ ގޮތުން ރިޔާސަތާ ހަވާލުވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަށް ވެސް ވިދިވިދިގެން ރިޔާސަތު ބެލެހެއްޓެވޭނީ ތިން ޖަލްސާއެއްގައި ކަމަށް ގަވައިދުގައި ބުނެފައި ވާތީ އޭނާ އަށް ވެސް ޖަލްސާގައި އިތުރަށް ނީންދެވެއެވެ. އެކަމާ ގުޅިގެން މަޖިލިސް ހުއްޓިފައި އޮންނަތާ ދެ ދުވަހަށް ފަހު މަޖިލީހުގެ ވެބްސައިޓުގައި މާދަމާ ޖަލްސާއެއް ބާއްވަން ވަނީ އެޖެންޑާ ކޮށްފައެވެ.
އެޖެންޑާގައި ބުނާ ގޮތުން މާދަމާ އޮތް ހަމައެކަނި މަސައްކަތަކީ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތެވެ.
ސަރުކާރުން ހިންގާ މައި ޕާޓީ, އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މަޖިލިސް ހުއްޓުވާފައި ވަނީ ނަޝީދަށް ލިބިވަޑައިގެންފައިވާ ބާރުގެ ތެރެެއިންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން މަޖިލިސް ހުއްޓުވާފައި ވަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯޑަރަށް, އެމްޑީޕީންނެވެ.
މަޖިލީހުގައި އެޅުވިފައިވާ މަރުތަޅު ނެއްޓުމަށް ނަޝީދު ހުށަހެޅުއްވި ހައްލަކީ އިތުބާރުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއް ނެގުމެވެ. އެއަށްފަހު އަނެއް މައްސަލަ ކުރިއަށްގެންގޮސް ގޮތެއް ނިންމައިގެން މެނުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްނުގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.