ޤުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމާ ގުޅޭ ދިރާސާ ހަދަން 14 ދަރިވަރަކަށް 1 ލައްކަ ރުފިޔާ ދެނީ

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕޯސްޓްގްރެޖުއޭޓް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމާ ގުޅޭ ދާއިރާތަކުން ދިރާސާ ކުރުމަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ، އެންހޭންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ އެންދެރި ސްޓޫޑެންޓް ގްރާންޓްގެ ނަމުގައި ހުޅުވާލާފައިވާ މިފުރުޞަތުގެ ދަށުން ނެޗުރަލް ކެޕިޓަލް ވެލުއޭޝަން އަދި އެކައުންޓިންގގެ ރިސަރޗް ސްޓަޑީޒްތަކާއި ބަޔޯޑައިވަރސިޓީ ކޮންޒަވޭޝަންގެ އިތުރުން ކޯޕަރޭޓް ސެކްޓަރގެ ވިޔަފާރިއާއި އެކައުންޓިން ޕްރޮފެޝަންތަކާ ގުޅުން ހުރި ދާއިރާތަކުން ދިރާސާތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ އެފުރުޞަތުގެ ދަށުން 14 ދަރިވަރަކަށް ގިނަވެގެން އެއްލައްކަ ރުފިޔާގެ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެހީ ބޭނުންވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ކޮންސެޕްޓް ނޯޓާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް [email protected] ހުށައެޅުމަށް ވަނީ އެދިފައެވެ. އަދި އެ ފުރުޞަތު އޭޕްރީލްމަހުގެ 15 ވަނަ ދުވަހުގެ 14:00 އާ ހަމައަށްވަނީ ހުޅުވާލާފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ އެހީއަށް އެދި ހުށައަޅާއިރު ދިރާސާކުރުމަށް ކަނޑައަޅާފައިވާ ދާއިރާއާއި މަސައްކަތަކީ އެހީ ދިނުމުގެ އުޞޫލްތަކަށް ފެތޭ އެ ދަރިވަރަކު ތަޢުލީމް ހާސިލްކުރަމުންދާ ޔުނިވަރސިޓީއަކުން ރުހުންދީފައިވާ މަސައްކަތަކަށް ވާންޖެހޭނެކަމަށެވެ.

މިއީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސުލްމާލު ވަޒަންކޮށް، މިވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފުރަތަމަ ފަހަރަށް އެހީ ދީފައިވަނީ ލ. އަތޮޅުގެ 9 ރަށަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ