އިތުރު ދާއިރާތަކުން ރާއްޖެއާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ޗައިނާގެ އެގްޒިމް ބޭންކުން ފާޅުކޮށްފި

އިތުރު ދާއިރާތަކުން ރާއްޖެއާއެކު މަސައްކަތްކުރުމުގެ ޝަޢުގުވެރިކަން ހުރިކަން އިމްޕޯޓް އެކްސްޕޯޓް ބޭންކް އޮފް ޗައިނާއިން ހާމަކުރައްވައިފިއެވެ.

ޗައިނާގެ އެގްޒިމް ބޭންކުން މިކަން ހާމަކުރެއްވީ، އެ ބޭންކުގެ ރައީސް ރެން ޝެންގްޖުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ޗައިނާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ރާއްޖޭގައި ހިންގި ލ އެތައް ސޯޝަލް ހައުސިންގ މަޝްރޫޢުތަކެއް ހިމެނޭހެން ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ މުހިންމު ވަޢުދެއްކަމަށްވެސް ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ އެގްޒިމް ބޭންކުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ރާއްޖެއަކީ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްގެ ވަރަށް ކުރީކޮޅުގައި ބައިވެރިވި ޤައުމެއްކަމަށާއި އަދި ޗައިނާގެ އެގްޒިމް ބޭންކުން ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމުގައިވެސް ޗައިނާގެ އެގްޒިމް ބޭންކުގެ ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ޗައިނާގެ އެގްޒިމް ބޭންކުގެ ރައީސްގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ވަނީ ދެފަރާތުން ގުޅިގެން ކުރިމަގުގައި މަސައްކަތްކުރުމުގެ އަޒުމު އައު ކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ