މަނަދޫ އަޒީގެ ރަންހާރު: އެ ބިރުވެރި ދަތުރު (3)

މިޅެމަކީ 28 ޖޫން 1999 (ހޯމަ)ގައި މަނަދޫ "ހާމަ" ބޯޓް މާލެއިން މަނަދުއަށް ކުރިދަތުރުގައި ބޯޓް ފެތުނު ހާދިސާއާއި ގުޅިގެން ހެދިފައިވާ ޅެމެކެވެ.

މިފަހަރު މިޅެން މިގެނެސްދެނީ އެދަތުރުގައި ބައިވެރިވި އޭރު އަދި ނުހިނގޭ އެހެނަސް މިހާރު ބޮޑެތިވެ ދަލިންލިބިފައި ތިބި ކުދިންނަށް އެކުދިން ހަނދާން ނުހުންނާނެ މި ނުރައްކާތެރި
ހާދިސާ ސިފަކޮށްދިނުމަށެވެ. މިޅެމުގައި އެވާ "ރަންދެލި"މިނަމަކީ އޭރު ނ އަތޮޅުގެ އަތޮޅުވެރިޔާ ރަށްރަށަށް ދަތުރުކުރައްވާ ޔޮޓް ދޯންޏަށް ކިޔާނަމެވެ.

ހޭބުއްދި ފަސްވެ މި ދިޔަވަރުން މޭތެޅި ބިރާމޮޅި ހުރިވަރުން
ވޭތޯ ސަލާމަތް ކުދިދަރީން ބޭލީ ފަރަށް ހަމަ ވަގުތުގާ
ފަސް އަންހެނުންނާ ހަތްކުދިން ތިންދިހަ ހަތަރުމީހުންއެކީ
ގަސްދެއްނުލާ ރޮއިރޮއި ތިބީ ތެމިފޯވެގެން ބިކަޙާލުގާ
ބޭރަށް ނަގިލުތައް ހުރިއަޅައި ވާތައް ގަލަށް އައްސާހަދައި
ބޭރަށް އޮޑިންދާހައި މުދާ އެއްކޮށްތިބީދެން ބަނުމުގާ
މަތިވެރި އިލާހުގެ ރަޙްމަތުގެ ކަނޑު އުތުރިގެން އެވަގުތުއައީ
ދަތިޙާލުގައިވާ އަޅުތަކުންނަށް އޭގެރީތި މިސާލުގާ
ނިމުމެއްނުވާ ޙަމްދާސަނާ ޝުކުރުންއޮހޭ މަތިވެރި އުޢާ
ނިމުމެއްނުވާ މާތް ޙަޟްރަތަށް ދަންނަވަމެ މާތް ތަޢުޘީމުގާ
ނިލަދެކުނު މީދޫ ދޯންޏަކުން ހިނގި ހާދިސާ ތިބެފައި ބަލަން
ތިލަފަރުތެރަށް އައިސްދިންއެހީ ނުފިލާނެ ހިތަކުން ޢުމުރުގާ
މަސްބޭނުމަށް މާހަލުފަރުން ތިއްބާމިތަން ފެނުމާއެކީ
ފަސްނުޖެހި މިއައީއޭ ބުނީ ވާހަކަދެކެވިދިޔަ ވަގުތުގާ
މީދޫގެމީހުން ހެޔޮކަމުން ހަމްދަރުދު ރަޙްމާހުރިވަރުން
ވީހައިއަވަހަކަށް ގާފަރަށް ދިއުމަށް އެނިންމީ ވަގުތުގާ
އުތުރުން ދެދޯންޏެއްވެސް އައިސް އެވަގުތު ބަނދަރުކުރުމާއެކީ
އިތުރަށް ޚަބަރުފޮނުވަން މަސައްކަތް ފެއްޓުނޭހަމަ އެހިނދުގާ
ހުރިހައިކުދިންނާ އަންހެނުންނާ ސާދަ މުޅިއެކު ފިރިހެނުން
ފުރިއިރު އެދޯނިން ގާފަރަށް ދެއުޅަނދުއައޭ އުތުރަށްނަގާ
އެވަގުތު ލިބުނުހައި އެއްޗަކާ މީހުންގޮވައިގެން ގާފަރަށް
ދެވަރެއްނުކޮށް ދުވެދިޔަކަމުން ދިހަގަޑިތިރީސްވީ ބަނދަރުގާ
(ނުނިމޭ)

4 ޑިސެމްބަރު 2023
* عبدالعزيز قاسم، ލިލީ ނ.މަނަދޫ

 

ކުރީގެ ބައި ކިޔާލުމަށް:

 

މަނަދޫ އަޒީގެ ޅެންހާރު: އެ ބިރުވެރި ދަތުރު (2)

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *