ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާއަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި މަސައްކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ވިސްނުންފުޅާއެކު ކުރައްވާ މަސައްކަތްޕުޅެއްކަމަށާއި، ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްކުރައްވާނީ ރައީސްގެ އިރުޝާދުގެ ދަށުންކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުގައި ޤާއިމުކުރެވިފައިވާ ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ. ޒަކާތު ފަންޑުން، ނިކަމެތިންނަށް އެހީތެރިވުމަށާއި، މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި، ބޭސްފަރުވާއަށް ދަނީ މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މި ސަރުކާރުން ވަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފައްދަވާފައެވެ. އަދި އެއިދާރާ އުފެދުނު ފަހުން ޒަކާތާ މެދު މީހުން ހޭލުންތެރިކުރުވުމަށާއި، ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރެވެއެވެ.
މި ރަމަޟާން މަސް ފެށުނު ފަހުންވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުކޮށް, ވަރުގަދަ ކޮށްފައެވެ. ޔަހޫދީންގެ ގަތުލުއާންމު ފުޅާ ކުރަމުން މި ދަނީ, ޢުދުވާންތައް ހުއްޓައިލަން ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32782އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75298 އަށް އުފުލިފައެވެ.


