26 އޮކްޓޫބަރު 2025
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި

ޙާފިޒުން ދަސްވެނިވާ ޙަފްލާއަކީ ވަކިން ބޭއްވޭ ޤައުމީ ފެންވަރުގެ ބޮޑު ޙަފްލާއަކަށް ހަދަން ނިންމަވައިފި

ޙާފިޒުން ދަސްވެނިވާ ޙަފްލާއަކީ ވަކިން ބޭއްވޭ ޤައުމީ ފެންވަރުގެ ބޮޑު ޙަފްލާއަކަށް ހަދަން ނިންމަވައިފިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އަންނަ އަހަރުން ފެށިގެން ޙާފިޒުން ދަސްވެނިވާ ޙަފްލާއަކީ އެއީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރާ ޙަފްލާއާ ވަކިން ބޭއްވޭ ޤައުމީ ފެންވަރުގެ ބޮޑު ޙަފްލާއަކަށް ހަދަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޒުކަމުގެ ސަނަދު ޙާޞިލުކުރާ ފަރާތްތަކަށް ރަންތާޖާއި، އެކަމުގެ ލިޔުން މިހާތަނަށް ޙަވާލުކުރަމުން ދިޔައީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރަމަށް ބާއްވާ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ވަޒީރު ވިދާޅުވީ، އެ ވުޒާރާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކީރިތި ޤުރްއާނުގެ ޢިލްމު ދިވެހިރާއްޖޭގައި ފެތުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަފުޅުގޮތުންވެސް މިކަމަށް ދެއްވާ އަޙައްމިއްޔަތުކަމަށެވެ. އަދި ޒުވާން ޖީލަށް ކީރިތި ޤުރްއާން އުނގެނި، އުނގަންނައިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަންތައްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބާއްވާތާ 36 އަހަރު ވެގެންދިޔައިރު މި މުބާރާތަކީ އޭގެ ޒާތުގައި މަދަރުސާއެއްކަމަށެވެ. އަދި މިއީ ވަރަށް ގިނަ ހުނަރުވެރި ފަންނުވެރި މޮޅު ދަރިވަރުން، މުދައްރިސުން، އުސްތާޛުން އޭގެ ތެރެއިން ނެރުނު ބޮޑު ހަރަކާތެއްކަމަށެވެ.

އެހެންކަމުން މި މުބާރާތުގެ މުއައްސިސު ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވަޒީރު ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި މުބާރާތް އިތުރަށް ވަރުގަދަކޮށް، މުބާރާތުގެ ވާހަކަ ރަން އަކުރުން ފަވާލެވޭނެކަމާމެދު ޝައްކުނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު