އިސްލާމްވުމަށްފަހު، ޤުރުއާން ސައުދީގައި އޮތް ބައިނަލްއަޤްވާމީ މުބާރާތެއްގައި ގަބޯންގެ އުމުރުން 12 އަހަރުގެ މަހުދީ ވިދާލައިފިއެވެ.
އިސްލާމްދީން ޤަބޫލުކުރިތާ ދެ އަހަރު ފަހުން، އުމުރުން 12 އަހަރުގެ މަހުދީ، މައްކާގައި ބޭއްވި 44 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ވަނީ ވިދާލައިފައެވެ. މަހުދީގެ ޢާއިލާގައި އޭނާ ފިޔަވައި އެހެން މީހަކު އިސްލާމްދީން ޤަބޫލުކޮށްފައެއް ނުވެއެވެ. ޝަހާދަތް ލައިދީ އޭނާއަށް މަގުދައްކައިދިން އޭނާގެ މުދައްރިސް އިމާމް ޒަކަރިއްޔާ، ޤުރުއާން މުބާރާތުގައި އޭނާއަށް ލިބުނު ފަޚުރުވެރި ނަތީޖާއާމެދު ހައިރާންވެފައިވާ ކަމަށް އަރަބް ނިއުސް އިން ބުނެއެވެ.
"ފުރަތަމަ ހީކުރީ އޭނާ ސަމާސާ ކުރަނީ ކަމަށް،" މަހުދީގެ ޒުވާން އުމުރަށް ބަލާއިރު އެއީ ހީވެސް ނުކުރާފަދަ ބޮޑު ކަމެއް ކަމަށް ޒަކަރިއްޔާ ބުންޏެވެ. "އިސްލާމްދީނާ ބެހޭ އެއްވެސް އެއްޗެއް އެނގޭތޯ އަހާލުމުން، الله ގެ ދީނަށް ތަބާވާން ބޭނުންވާ ކަމަށް އޭނާ ބުނަމުން ދިޔައީ. މިއީ ﷲ ދެއްވި ބޮޑު ނިޢުމަތެއް.."
މަހުދީ ވަނީ ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ހިތުދަސްކޮށް، އިސްލާމްދީނާ ގުޅޭ ލިޔުންތައް ކިޔައި ދަސްކޮށް، އިސްލާމްދީނަށް އޮތް ލޯތްބާއިއެކު އޭނާގެ ޤާބިލުކަން ދައްކައިދީފައެވެ.
"އަހަންނަށް ފާހަގަ ކުރެވުނީ އޭނާ ޤުރުއާން ހިތުދަސްކުރަމުންދަނީ، އެހެން ކުދިންނާ އަޅާބަލާއިރު، ހީކުރި ވަރަށް ވުރެއް މާ އަވަހަށް" މަހުދީ އިސްލާމްވިތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ދުވާލަކު ޞަފްޙާއެއް ހިތުދަސް ކުރަމުން ދިޔަ ކަމަށް އަލިއަޅުވާލަމުން ޒަކަރިއްޔާ ބުންޏެވެ.
ޤުރުއާން ކިޔެވުމުގެ އިތުރުން މަހްދީ ވަނީ އިސްލާމީ އެކިއެކި ލިޔުންތައް ހިތުދަސްކޮށް، އުނގެނުމުގައި އޭނާގެ ކުޅަދާނަކަން ދައްކާލާފައެވެ. "ހަގީގަތުގައި ވެސް އޭނާ އަކީ އަހަރެން މިހާތަނަށް ދުށް ކުދިންނާ އަޅާބަލާއިރު، އާދަޔާ ޚިލާފަށް ތޫނުފިލިކަން ހުރި ތަފާތު ކުއްޖެއް،" މަހުދީގެ އާދަޔާ ޚިލާފު މަަސައްކަތަށް ތައުރީފު ކުރަމުން ޒަކަރިއްޔާ ބުންޏެވެ.
ކީރިތި ޤުރުއާނަކީ، ޖިބްރީލުގެފާނު މެދުވެރިކުރައްވައި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ. ކީރިތި ރަސޫލާ ޤުރުއާން ހިތުދަސްކުރައްވައި، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކީރިތި ޤުރުއާން އެއްކޮޅުން އަނެއްކޮޅަށް މުރާޖަޢާކުރައްވާ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ މާތް ﷲ ގެ ރިސާލަތު ރައްކާތެރިކުރުމަށް އޮތް އެންމެ މުހިއްމު އެއް ގޮތެވެ. އަނެއް ގޮތަކީ، އެފޮތް ޝާއިޢުކޮށް ހަދިޔާ ކުރުމާއި، އިންޓަރނެޓްގައިި ޝާއިޢުކުރުމާއި، އަދި އެމީހަކަށް އެނގޭ ބައިތައް އެހެން މީހުންނަށް ކިޔައިދިނުމެވެ.



