7 ޑިސެންބަރު 2024

ކެންސަރު ބަލިޖެހުނުކަން އެނގުނީ ކުއްލިއަކަށް؛ އީޝާއަށް ދީލަތި އެހީތެރިކަމެއް ބޭނުންވޭ!

އައިޝަތު އީޝާ އަހުމަދު (އީޝާ) އަކީ ނ. ވެލިދޫގައި ހުންނަ ނ. އަތޮޅު ތަޢުލީމީ މަރުކަޒުން ތަޢުލީމު ޙާސިލުކޮށް، މިދިޔަ އަހަރު ގްރޭޑް 10 ނިންމާފައިވާ ކުއްޖެކެވެ. ތަޢުލީމީ ޙަޔާތުގެ 10 އަހަރު ފުރިހަމަކޮށް ދިރިއުޅުމުގެ އެންމެ މުހިއްމު މަރުޙަލާއަށް އޭނާ ނިކުމެފައިވަނީ ހަމަ ޔަޤީނުންވެސް މުސްތަޤްބަލަށްޓަކައި ފޮނި އުއްމީދުތަކެއް ކުރަމުންނެވެ.

މައިންބަފައިންގެ ލޯތްބާއި އަޅާލުމާއެކު، ދަރިއެއްގެ ޙަޔާތަށް ދިރުން ގެނައުމުގައި ވެފައިވާ ޤުރުބާނީއަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށް ވުރެ މަތިވެރި ޤުރުބާނީއެކެވެ. އީޝާގެ މައިންބަފައިންވެސް އޭނާއަށްޓަކައި ނުހަނު ފޮނި އުއްމީދެއް ކުރާނެއެވެ. ނަމަވެސް ޤުދުރަތުން ޙަޔާތަށް ކުރިމަތިވާ ކޮންމެ ކަމަކީވެސް އިމްތިޙާނެކެވެ. މިއީ އީޝާއާއި އޭނާގެ ޢާއިލާއަށާއި އަދި ރައްޓެހި ރަޙްމަތްތެރިންނަށް ވެސް ހިތްދަތި އިޙްސާސްތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެކެވެ.

ތަޢުލީމީ ހިޔާވަހިން ނިކުމެ ދިރިއުޅުމުގެ މުހިއްމު ބަދަލަކާ ކުރިމަތިލާންޖެހިފައިވާ މުހިއްމު ހިނދުކޮޅެއްގައި އީޝާ މިއަދު ހަނގުރާމަ ކުރަމުން އެދަނީ ކެންސަރު ބައްޔާއެވެ. ވޭނީ ތަދާއި ކަރުނަ ފައްދާލާފަދަ އިޙްސާސްތަކާ އެކުގައެވެ. ކުއްލިއަކަށް މިފަދަ ހިތްދަތިކަމެއް ކުރިމަތިލާންޖެހުމުން އޯގާތެރިކަމާއި ދީލަތިކަމާއި އަޅާލުން ބޭނުންވާނެއެވެ.

ކެންސަރ ބަލީގައި ފަރުވާ ހޯދަމުންދާ ނ.ވެލިދޫ އައިޝަތު އީޝާ އަހުމަދު 8-6 މަސްދުވަހު ފަރުވާއަށް އިންޑިޔާގައި މަޑުކުރަން ޖެހޭނެކަމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައެވެ. ކުއްލިއަކަށް މިފަދަ ބޮޑު ކަމެއް ދިމާވުމުން އާއިލާއަށް ވަނީ މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފައެވެ. އީޝާގެ އާއިލާއިން އެދެނީ އީޝާގެ ބޭސް ފަރުވާއަށް އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއެކެވެ.

BML MVR ACCOUNT NUMBER: 7703517024101 (AHMED MOHAMED)
CONTACT NUMBER: 7383110 – Esha’s Dad

ލޭގެ ކެންސަރު ނުވަތަ ލިޔުކީމިޔާ އަކީ ކަށީގެ މަދަށްޖެހޭ ކެންސަރުއެވެ. ލޭގެ ހުދު ސެލް، ލޭގެ ރަތް ސެލް އަދި ޕްލޭޓްލެޓްސް އުފައްދަނީ ކަށީގެ މަދުންނެވެ. ލެޔަށްޖެހޭ ކެންސަރަށް ޢާންމުކޮށް ކިޔައި އުޅެނީ ލިޔުކީމިޔާ އެވެ. މިލަފުޒުގެ މާނައަކީ ހުދުކުލައިގެ ލެޔެވެ. ލޭގެ ކެންސަރު ޖެހިއްޖެނަމަ ކަށީގެ މަދުން އުފައްދާ ލޭގެ ސެލްތައް އުފެއްދުން މަދުވެގެން ދެއެވެ. ލިޔުކީމިޔާ ޖެހިއްޖެނަމަ ވަރަށް އަވަހަށް ބަލީގެ އަސަރުތައް ހަށިގަނޑުގެ ތެރޭގައި ބޮޑުވެގެން ދެއެވެ. މިބަލީގައި މީހުން މަރުވެގެންދަނީ ލޭމަދުވެގެން ނުވަތަ ލޭއައުން ކޮންޓްރޯލް ނުކުރެވިގެންނެވެ. ނުވަތަ ތަކުރާރުކޮށް އެކިއެކި ބަލިބަލީގެ ޖަރާސީމް ހަށިގަނޑަށް ހަމަލާދީގެންނެވެ.

މިއީ ވޭން ހުރި ބައްޔެކެވެ. ދީލަތިކަން އިސްކުރައްވާށެވެ.

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެއީ އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރު އަޅާ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަޅުގަނޑުމެންނީ އަނެކުންނަށް އޯގާތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. ބޭނުންޖެހިފައިވާ މީހުންނަށް ޙަމްދަރުދީވާ އަޅާލާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު