އެކި މީހުންގެ ތަނަވަސްކަން ހުންނާނީ އެކި މިންވަރަށެވެ. ގިނަ މީހުންނަށް އުމުރު ދުވަހު މަސައްކަތް ކޮށްގެން ދިރިއުޅުމަށްޓަކައި އެޅެނީ އެންމެ ގެއެކެވެ. ނުވަތަ ގަނެވެނީ އެންމެ އެޕާޓްމަންޓެކެވެ. އަނެއް ބަޔަކު ދިިރިއުޅެމުންދަނީ ފުލެޓްގައެވެ. ނުވަތަ މަހު ކުއްޔަށް ނަގައިގެން އުޅޭ ތަންތަނުގައެވެ.
މި ޙާލަތްތަކުގެ ތެރެއިން ތިމާ އަޅާ ގެއަކީ ނުވަތަ ޑިޒައިން ކުރާ އެޕާޓްމަންޓަކީ، ތަނަވަސް ހިތްހަމަޖެހޭ ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރާނެއެވެ. އެތަނެއްގައި އެކަށީގެންވާ މިންވަރެއްގައި ފިނިކަން ބަހައްޓަައި ހިތްފަސޭހަ މާހައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރާނެއެވެ. މަޤްޞަދަކީ އެތަނަކީ އަރާމު އަދި ހިތްހަމަޖެހޭ ތަނެއް ކަމުގައި ހެދުމެވެ. ޚާއްސަކޮށް ހޫނުގަދަ ޤައުމުތަކުގައި މިކަމަށް ދޭ ސަމާލުކަން ބޮޑުވާނެއެވެ. އެހެނީ މިކަން ބިނާވެގެން ވަނީ މޫސުމުގެ މައްޗަށް ކަމަށްވާތީއެވެ.
މޫސުމަކީ އަހަރެއްގެ ތެރޭގައި އެތަނެއްގެ ފިނިހޫނުމިނާ އެތަނެއްގެ އެކޯލޮޖީ އާއި ދުވާލުގެ އިރުގެ އަލިކަން ހުންނަ މިންވަރަށް ބަލައި އަހަރެއް ބައިކޮށްލާ ބައިކޮށްލުމަކަށް ކިޔޭނަމެކެވެ. އަދި މޫސުމަކީ އެކި ޤައުމަށް އެކި އެކި ގޮތަށް ދިމާވާ ކަމެކެވެ. ރާއްޖޭގައި އޮންނަނީ ދެމޫސުމެވެ. އެއީ އިރުވައި މޫސުމާއި ހުޅަގު މޫސުމެވެ. ހުޅަނގު މޫސުމުގައި އޮންނަނީ 18 ނަކަތެވެ. އިރުވައި މޫސުމުގައި އޮންނަނީ 9 ނަކަތެވެ. ހުޅަނގު މޫސުން ފެށެނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ނިމެނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އިރުވައި މޫސުން ފެށެނީ ޑިސެމްބަރ 10 ވަނަ ދުވަހުއެވެ. ނިމެނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.
ދުނިޔޭގައި މައިގަޑު އޮންނަނީ ހަތަރު މޫސުމެވެ. އެއިގެ ތެރޭގައި ހިމެނެނީ ރަބީއު މޫސުން (ސަމަރ)، ޚިޒާން މޫސުން (ޢޯޓަމް)، ބަހާރު މޫސުން (ސްޕްރިން)، ހަރީފު (ވިންޓަރ) އެވެ. ދުނިޔޭގެ އެކި ގައުމަށް މޫސުން ތަފާތެވެ.
އަޅުގަނޑުމެންގެ ރާއްޖޭގެ މޫސުމަށް އަވަސް އަވަހަށް ބަދަލު އާދެއެވެ. ފިނިހޫނުމިން އެއްވަރެއްގައި ނުހިފެހެއްޓެއެވެ. އެއީ ރާއްޖޭގެ މޫސުން، ފިނިހޫނު މިނުގެ އަސަރު އެކި މިންވަރަށް ހުންނަ ނަކަތްތަކެއްގެ މައްޗަށް ބިނާވެގެންވާތީއެވެ. މޫސުމަށް އަންނަ އަވަސް ބަދަލާ ހެދި ފިނިހޫނު މިނާއި ވައިގެ ތެތްކަން އެއް މިނެއްގައި ނުހިފެހެއްޓެއެވެ. އެހެންކަމުން، އެހެން ޤައުމުތަކާއި އެހެން ސަރަޙައްދުތަކުގެ މޫސުމާ އަޅާބަލާއިރު، ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ތަފާތެކެވެ. ފިނިކަން އަބަދަކު އެއް މިނެއްގައި ނުހިފެހެއްޓެއެވެ. ނުވަތަ ވަކި މޫސުމެއްގައި އެއްކޮށް ފިނިކޮށެއް ނޯވެއެވެ.
މޫސުމުގެ ވާހަކަ ދައްކަން ޖެހޭ މައިގަނޑު ސަބަބަކީ، ގެއެއް ބިނާ ކުރާއިރު އެކަމަށް ރިޢާޔަތްކުރަންޖެހޭތީއެވެ.
ގެއެއް އަޅަނީ ނުވަތަ އެޕާޓްމަންޓެއް ގަންނަނީ ކުރިންވެސް ފާހަގަކުރި ފަދައިން ހިތްހަމަޖެހިގެން އަރާމު ދިިރިއުޅުމެއް އުޅޭށެވެ. ގެއެއް ޑިޒައިން ކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ދެވިއްޖެނަމަ، މުސްތަޤްބަލުގައި ކުރަންޖެހޭ ހޭދަތައް ކުޑަވެެގެން ދާނެއެވެ. އެހެނީ ޙަޤީޤީ ހިތްހަމަޖެހުމެއް ލިބޭނީ، ލިބޭ އާމްދަނީއާ އެއްވަރަށް ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސައިގެން ކަމަށްވާތީއެވެ.
އެގޮތުން ގެއެއް ބިނާކުރާނަމަ، ގޭތެރޭގައި ހަކަތަ ރައްކާތެރިކުރުމާ ބެހޭ ގޮތުން އާކިޓެކްޓާ ވާހަކަދައްކާށެވެ. އެކަމަށް ޚާއްސަ ވިސްނުމެއް ގެންގުޅޭށެވެ. އޭރުން ގޭގެ ކަރަންޓް ބިލު، ތިބާއަށް ބުރައަކަށް ނުވާނެއެވެ. ބިނާ ކުރާ ގެއެއް ރަނގަޅަށް ޑިޒައިން ކުރެވިއްޖެނަމަ، އަބަދުވެސް އެއް ހަމައެއްގައި ކަރަންޓް ހިފެހެއްޓުމަށް އެހީތެރިކަމެއް ލިބިގެން ދާނެއެވެ.
ފުރަތަމަ ކަމަކަށް، ގެއެއް އަޅާއިރު، އުތުރު ފަރާތާއި، ދެކުނު ފަރާތުގެ ފާރުގައި ދޮރުތައް ލުމަށް ސަމާލުކަން ދޭންޖެހެއެވެ. ކުޑަދޮރާއި ބޮޑު ދޮރުތައް އިރުމައްޗަށް ވާގޮތަށް ހުންނައިރު ގޭތެރެއަށް ސީދާ އިރުގެ އަލި ވަދެއެވެ. އަދި ގޭތެރެއަށް ހޫނުގެ އަސަރު ފޯރައެވެ. މިކަމުގެ ސަބަބުން ހެނދުނު ގަޑިތަކުގައި، ގޭތެރޭގައި ހިފެހެއްޓޭ ހޫނުކަން މުޅި ދުވަހަށްވެސް ދެމިގެން ދެއެވެ. އެހެންކަމުން، ގިނަ ވަގުތު ގޭތެރެއަށް އަލިވެ، އެންމެ ގިނަ ވަގުތު ގޭތެރޭގައި ފިނަކަން ހިފެހެއްޓޭނީ، ދޮރުތައް އުތުރާއި ދެކުނަށް ވާގޮތަށް ހުންނަ ފާރުތަކުގައި ހަރުކޮށްގެންނެވެ. ނަމަވެސް ތަނުގެ ލޮކޭޝަނަށް ބަލައި ތަން ޑިޒަންކުރާ ގޮތަކުން އިރުމައްޗަށް ދޮރު ހަރުކުރަންޖެހިއްޖެ ހާލަތެއްގައި އިރުގެ އަލިދޭ ވަގުތުތަކުގައި އަލި ނުވަންނަ ގޮތަށް ދޮރުގައި ބްލައިންޑް ހަރުކުރެވިދާނެއެވެ.
ދެވަނަ ކަމަކަށް، ގޭގެ ކުޑަދޮރު ކައިރީގައި ގަސް އިންދައި ހައްދާށެވެ. ގޭގެ ކުޑަދޮރު ކައިރީގައި ގަސް ހައްދާފައި ބެހެއްޓުމުން ގޭތެރެއަށް ވަންނަ ވައި ރަނގަޅަށް ފިނިކޮށްދެއެވެ. އެކަމުގެ ސަބަބުން ގޭގެ އެތެރޭގެ ފިނިކަން ހިފަހައްޓައި ދެއެވެ.
ގޭތެރޭގެ ހޫނުމިން މައްޗަށް ދާ އެއް ސަބަބަކީ މީހުންގެ ގައިން ބޭރުވާ ހޫނުގެ އަސަރު ބޭރުނުވެ ގޭތެރޭގައި ހިފެހެއްޓޭ ގޮތަށް ހުރުމެވެ. އެހެންކަމުން އޭސީ ނުކުރާ ތަނެއް ނަމަ، ކުޑަދޮރުތަކުގެ މަތީގައި ލޫވަރ ނުވަތަ ފެންލައިޓް ޖެހުމުން، ގޭތެރޭގައި އުފެދޭ ހޫނު ބޭރުކުރުމަށް އެހީތެރިވެދެއެވެ.
މިއީ ގެއެއް ޑިޒައިން ކުރާއިރު ވިސްނަންޖެހޭ ބައެއް ކަންކަމެވެ. ގެއެއް ރަނގަޅަށް ޑިޒައިން ކުރެވިއްޖެނަމަ، ގޭތެރޭގައި ފިނިކަން ހިފެހެއްޓޭނެއެވެ. އަދި ނަތީޖާއަކަށް ވާނީ ކަރަންޓުގެ ޚަރަދު ކުޑަވުމެވެ.
"ކަރަންޓާއި ހަކަތަ" މި މައުޟޫޢުގެ މައްޗަށް އަޅުގަނޑު ސިލްސިލާ ގޮތެއްގައި ލިޔަމުން ދާނަމެވެ. ކަރަންޓް ބިލް ކުޑަކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުންނެވެ. މިފަހަރު މިބަަލައިލީ ގެެއެއް އަޅާނަމަ ވިސްނަންޖެހޭ ބައެއް ކަންކަމުގެ މައްޗަށެވެ. ކުރިއަށް ހުރި ސިލްސިލާ ލިޔުުންތަކުގައި އެހެން ކަންކަމަށް އަލިއަޅުވާލަމުން ގެންދާނަމެވެ. އަދި މިކަމުގެ ފަންނީ ބޭފުޅުންގެ ޚިޔާލުތައް ހިމަނާނަމެވެ.



