ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމުން އެތައް ފުރާނައެއް ސަލާމަތްކުރެވޭނެއެވެ. އެއީ ޞިއްޙަތަަށް ނުރައްކާތެރި އާދައެކެވެ. މި ސަބަބަށްޓަކައި، އެކަމުން ދުރުހެލިވުމަށް މަސައްކަތްކުރި ޒުވާނެއްގެ ތަޖުރިބާ ޙިއްސާކޮށްލާނަމެވެ.
އެ ޒުވާނާ ވަނީ މީގެ އަހަރުތަކެއް ކުރިން ނިކޮޓިންގ އަށް ދެވި ހިފާފައެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގައި އިންތިހާއަށް ވަގުތުތައް ނަގާލާފައެވެ. އެކަމުގެ ނުރައްކާތެރިކަން ވިސްނި އޭނާ ވަނީ އެކަމުން ސަލާމަތްވުމަށް ތަފާތު ގޮތްތައް ބޭނުންކޮށްފައެވެ. އެކި ފަހަރު މަތިން އެކަމުން ސަލަމާތްވުމަށް އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް، ގިނަ ފަހަރުތަކުގައި އޭނާ ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެއެކަމަކު، މިހާރު ދޭން އޮތީ އުފާވެރި ޚަބަރެކެވެ. މީގެ ދުވަސްކޮޅެއް ކުރީން އޭނާ ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމާ އަލްވަދާޢު ކިޔާފައެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ހަށިގަނޑަށް ހުރި ނުރައްކަލެއްކަން ޤަބޫލުކޮށް ކުރި މަސައްކަތުންނެވެ. އަމިއްލައަށް އެޅި މުހިއްމު ފިޔަވަޅުތަކާއެކުގައެވެ.
ފޮޓޯ: ޓޮމް ގްރިލް/ ބްލެންޑް އިމޭޖް، ދަ ފޯކަސް
އޭނާ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލީ ކިހިނެތް؟
އޭނާ ބުނާ ގޮތުގައި ދުންފަތާ އޭނާއާ އޮތް ގުޅުމަކީ އެހެން އެއްވެސް މީހަކަށް އެނގޭނެ ގުޅުމެއް ނޫނެވެ. އެއަށް ދެވި ހިފާފައިވަނީ ބަޔާންކުރެވޭ ވަރަށްވުރެވެސް ބޮޑަށެވެ. ހިތާއި ސިކުނޑި އެމައްޗަށް ލަންބާލާފައިވާ ކަމެއްް ހުއްޓާލުމަށް ކުރެވުނު މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށް އޭނާ ބުނެއެވެ. އެއީ ފަސޭހަ ކަމެއް ނޫނެވެ. އޭނާ ވަނީ ޞިއްޙީ ރަނގަޅު އާދަތަކެއްގެ މައްޗަށް އޭނާގެ ދިރިއުޅުން ބައްޓަންކުރަން ފަށާފައެވެ. ދުންފަތަށްވުރެ މުހިއްމު ކަމެއް ދޭންޖެހޭ ކަންތައްތަކެއް އެ އާދަތަކުގެ ތެރެއިން އޭނާއަށް ދަސްވިއެވެ.
ދުންފަތުގެ އަޅަކަށް ނުވުމަށް އޭނާ ކޮންމެ ދުވަހަކުވެސް އަޒުމު ކަނޑައެޅިއެވެ. އެކަން ހިތުގައި ބިންވަޅު ނެގިއެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލާ ގޮތަށް އެކަމާ ފިކުރު ހިނގައެވެ. ދިރިއުޅުމުގެ އަދާއި މާދަމާއާ މެދުގައެވެ. އެތަނުން މާދަމާއަށް އެންމެ ފައިދާކުރާނީ ދުންފަތަށް ނޫނެކޭ ބުނެގެން ކަން އޭނާގެ ސިކުނޑީގައި ހަރުލައްވަން މަސައްކަތް ކުރިއެވެ.
މިކަން ކުރުމަށް، ހަށިގަނޑަށް ހަމަޖެހުން ލިބޭފަދަ ޙަރަކާތްތަކަށް އޭނާ އިސްކަންދޭން ފެށިއެވެ، ހަށިގަނޑަށް ދިރުން ގެނުވާނެ ކަސްރަތުތަކެއް ކުރަން އޭނާ ފެށިއެވެ. ކޮންމެ ދުވަހަކުވެސް އޭނާގެ ޝެޑިއުލުގައި އެކަން ހިމެނިއެވެ. އޭނާ ވަނީ ހުއްޓުމެއް ނެތި ފަސް މަސްދުވަހު ފެތުމުގައި ޙަރަކާތްތެރިވެފައެވެ. ޙަރަކާތްތެރިވެ ހެލިފެލިވެ އުޅުމަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ފުރުހެލިިވުމަށް އޮތް އެންމެ ފައިދާ ބޮޑު ގޮތްކަން އޭނާ ހިތުގެ އަޑިން ޤަބޫލުކުރިއެވެ. ކިތަންމެ ފިންޔަސް ފަތާނުލައި އޭނާއަށް ނޫޅެވޭ ވަރަށް އޭނާ އެކަމުގައި މަސްޢޫލުވިއެވެ. އެކަމުގެ ޝައުޤުވެރިކަމުގައި އޭނާގެ ދުވަހީ ޕްރޮގްރާމް ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ.
ހަމައެހެންމެ، އޭނާ ދުންފަތުން ސަލާމަތްވުމަށް ކުރި މަސައްކަތުގައި ކޮފީއާއި ކެފެއިން ހިމެނޭ ތަކެތި ބުއިމުން ދުރުހެލިވުމަށް ގަދައަޅައި މަސައްކަތްކުރިއެވެ.
އޭނާ އެކަމުން ސަލަމާތްވުމަށް އަޒުމު ކަނޑައަޅައި މަސައްކަތްކުރީ ޑޮކްޓަރުންގެ މަޝްވަރާއާއި ލަފާ ހޯދައިގެންނެވެ. ޔޫކޭގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ހަނާ ޕޭޓަލްއާ ބައްދަލުކޮށް ނިކޮޓިންގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ ނުރައްކާތަކާބެހޭ މަޢުލޫމާތު ހޯދިއެވެ. ޑޮކްޓަރު ވިދާޅުވެފައިވަނީ ނިކޮޓިން އަކީ މުޅި ހަށިގަނޑަށް އެކަމުގެ ނުބައި އަސަރު ފޯރާ މާއްދާއެއް ކަމަށެވެ. ލޭ ހޮޅިތަކާއި، ހޯމޯންސްއާއި ސިކުނޑިއާއި ނޭވާލާ ނިޒާމަށް ކުރާ ނޭދެވޭ އަސަރު، އޭނާއަށް ޑޮކްޓަރު ބަޔާންކޮށްދެއްވިއެވެ. ނިކޮޓިންގެ އަސަރު މުޅި ހަށިގަނޑަށް ފޯރުމުން އެކަމުން ދުރުހެލުވާން އުނދަގޫކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ނުވަތަ ވޭޕްކުރުން ހުއްޓާލާ މީހުންގެ ކިބައިން ރުޅިގަދަވުން، ނުތަނަވަސްވުން، ނުވަތަ ހާސްވުން، ބޮލުގައި ރިއްސުން، ކަރުހިއްކުން، ކަންބޮޑުވުމާއި ހިތާމަކުރުން، ވަރުބަލިވުން، ސާފުކޮށް ވިސްނަން އުނދަގޫވުން، ނުވަތަ ސަމާލުކަން ދޭން އުނދަގޫވުން، ނިދަން އުނދަގޫވުން، ބަނޑުހައިކަން އިހުސާސްވުން ފަދަ އަލާމަތްތައް ފެންނަ ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ. މި ސަބަބުތަކާ ހެދި އަނެއްކާވެސް ވޭޕް ކުރުމަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ސިނގިރޭޓާއި ވޭޕުގެ ސަބަބުން ހަށިގަނޑުގައި ނިކޮޓިން 72 ގަޑިއިރު ހުރެއެވެ. ޑރ. ހަނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން "ލޭގެ ޕްރެޝަރު" ދަށްކުރުމަށް އެހީތެރިވެދޭ ކަމަށާއި، ނަތީޖާއަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވުން ކަމަށެވެ.
"އަދި އޮކްސިޖަން ލެވެލް މަތިވެ، ޖިސްމާނީ ހަރަކާތާއި ކަސްރަތު ކުރަން ފަސޭހަވެގެން ދާނެ." ޑޮކްޓަރު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުން ނުވަތަ ވޭޕްކުރުން ހުއްޓާލުމަކީ ހަށިގަނޑަށް ތަފާތު އަސަރުތަކެއް ކުރުވާ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުހެލުވުމުން ހަށިގަނޑަށް އަންނާނެ ހެޔޮ ބަދަލުތަކަކީ ކޮބައި ހެއްޔެވެ؟
ނޭވާލާ ނިޒާމާއި ނޭވާލުމާއި ގުޅުންހުރި ކަންކަމަށް ހެޔޮ ބަދަލެއް އަންނަ ތަން ފެންނަން ފަށާނެ ކަމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ފުއްޕާމެއަށް ލިބޭ ގެއްލުންތަކުން ރަނގަޅުވާ ވަރަކަށް، ނޭވާލާން އުނދަގޫވުމާއި ކެއްސުމުގެ އަލާމާތްތައް މަދުވާކަން ފާހަގަވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ސައިނަސްގެ މައްސަލަތައް ހުންނަ ނަމަ އެކަމުންވެސް ދުރުވާން ފަށާތަން ފެންނަކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
އަހަރެއްހާ ދުވަސް ފަހުން ހަށިގަނޑަށް އަންނާނެ ހެޔޮ ބަދަލުތަކަކީ ކޮބައިހެއްޔެވެ؟
ނޭވާލާ ނިޒާމާއި ފުއްޕާމޭ ރަނގަޅުވެ، ކޮށިއެރުމާއި ކެއްސުން މަދުވެއެވެ. އަދި ގުނަވަންތައް ރަނގަޅަށް ޙަރަކާތްތެރިވާން ފެށުމުން ފުއްޕާމެއަށްޖެހޭ އިންފެކްޝަންތައް މަދުވުމެވެ. ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ، ދެބައިކުޅަ އެއްބަޔަށް ދަށްވެ، ހިތުގެ ދުޅަހެޔޮކަން ރަނގަޅުވެއެވެ. މިއީ ޑޮކްޓަރު ފާހަގަކުރެއްވި ކަންކަމެވެ.
ވީމާ، ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވޭޕްކުރުމުން ދުރުހެލިވަމާތޯއެވެ؟



