ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ޒުވާނަކު އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކާއި ކަންބޮޑުވުންތައް ހާމަކުރިއެވެ. އޭނާއަށް ކުޑައިރުއްސުރެ ފެށިގެން ދިމާވަމުން އައި އެކި ކަހަލަ ދަތިތަކާއި، ކުރިމަތިވި ހިތްދަތިކަމާއި، އަދި އެހެނިހެން ގޮންޖެހުންތަކުގެ ސަބަބުން އޭނާގެ ހިތުގައި ވަނީ ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
"އަހަރެންނަށް އުފަލެއް ނެތީތަ؟ އަހަރެންނަށް ކުޑަދުވަހުއްސުރެ ހަމަ އެއްވެސް ވަރަކަށް ހިތްހަމަޖެހުމެއް ނުލިބޭ،" މިއީ އޭނާގެ ކަންބޮޑުވުމެވެ.
މި ކަންބޮޑުވުންތަކަށް ޙިކުމަތްތެރިޔަކު ޖަވާބު ދިނެވެ. އެގޮތުން މުސްލިމަކަށް މުސީބާތް މެދުވެރިކުރައްވަނީ އެކަލާނގެ އިމްތިޙާންކުރެއްވުމުގެ ގޮތުންކަމާއި، އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާކަމުގެ ހެއްކެއްކަން ފާހަގަކުރިއެވެ.
އިސްލާމީ ތާރީޚުން މިސާލުތައް ނަގައިދެމުން، ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށްވެސް ދިމާވި އުނދަގޫތަކާއި އިމްތިޙާންތައް ހަނދާންކޮށްދެވުނެވެ. މޫސާގެފާނަށް ފިރުޢައުނުގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނެވެ. ޔޫސުފްގެފާނު ކުޑައިރު ފުންވަޅަށް ވައްޓާލެވި، ޒުވާން އުމުރުގައި ޖަލަށް ލެވުނެވެ. މި ހުރިހާ ކަމެއްގައިވެސް އެބޭކަލުން ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމުގެ ރިވެތި ނަމޫނާއެކެވެ.
މި ދުނިޔޭގެ ޙަޔާތަކީ އިމްތިޙާނުގެ މައިދާނެކެވެ. އުނދަގުލާއި މުޞީބާތްތަކަކީ އިންސާނާގެ އީމާންކަން ވަޒަންކުރެވޭ މިންގަނޑެކެވެ. ހަމައެކަނި އުފަލާއި އުފާވެރިކަން އޮތްނަމަ، ދުނިޔެ އުފެއްދެވުމުގެ މަޤްޞަދު ގެއްލިގެން ހިނގައިދާނެއެވެ. ސުވަރުގެއާއި ނަރަކައިގެ ޙިކުމަތް ނެތިދާނެއެވެ.
އިންސާނާގެ އީމާންތެރިކަމުގެ ދަރަޖަތައް މަތިވެރިވަނީ އޭނާއަށް ދިމާވާ އުނދަގޫތަކާއި މުސީބާތްތަކުގައި ދައްކާ ކެތްތެރިކަމާއި ސާބިތުކަމުންނެވެ. ޓެސްޓެއް ނުހަދާ ސްކޫލް ދައުރު ނުނިމޭ ބީދައިން، އިމްތިޙާނަކާ ނުލައި އީމާންކަމުގެ ދަރަޖަތައް މަތިވެރިއެއް ނުވާނެއެވެ.
ދުޢާއަކީ އަޅުކަމުގެ މައިގަނޑެވެ. ދުޢާގެ އިޖާބަ ލަސްވުމަކީ އެއީ ދުޢާ ޤަބޫލު ނުވީކަމުގެ ހެއްކެއް ނޫނެވެ. ބައެއްފަހަރު ﷲ ތަޢާލާ އަޅާގެ ދުޢާ އިޖާބަކުރެއްވުން ލަސްކުރައްވަނީ އެއަޅާއަށް މާ ހެޔޮގޮތެއް ދެއްވުމަށްޓަކައި ކަމަށް ވެދާނެއެެވެ. ނުވަތަ އާޚިރަތުގައި އެއަށްވުރެ މާ މަތިވެރި ދަރުމައެއް ދެއްވުމަށްޓަކައެވެ.
އެހެންކަމުން، ދިރިއުޅުމުގައި ދިމާވާ އުނދަގޫތަކާއި މުސީބާތްތަކަކީ އިންސާނާގެ އީމާންކަން ވަރުގަދަކޮށް، އާޚިރަތުގެ ދަރަޖަ މަތިވެރިކުރުމަށް މެދުވެރިވާ ކަންކަމެވެ. މި ކަންކަމުގައި ކެތްތެރިވެ، ﷲ ތަޢާލާއަށް ބަރޯސާވެ، އެކަލާނގެ ޙަޟްރަތުން އެދި ދުޢާކުރުމަކީ ކޮންމެ މުސްލިމަކަށްވެސް މުހިންމު ކަމެކެވެ. އަދި މިއީ އިންސާނާގެ އީމާންކަން ވަރުގަދަވެ، އާޚިރަތުގައި މަތިވެރި ދަރަޖަ ޙާޞިލުކުރުމުގެ މަގެވެ.



