މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޤްރުއާން ކިޔެވުމުގެ 13 ވަނަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދީ ހޫދު ބިން ޝާހިދުއެވެ. ހޫދު ވަނީ ނުބަލާ ކިޔެވުމުގެ ބައިންވެސް އެއްވަނަ ހޯދާފައެވެ.
ކިނޮޅަހު ކައުންސިލްގެ 13 ވަނަ ޤްރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމުގެ ދިނުމުގެ ޖަލްސާ އޮތީ ހުކުރު ދުވަހު މެންދުރު ފަހު ކިނޮޅަހު ސްކޫލު ހޯލުގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ޖަމްޢިއްޔަތުއްސަލަފު ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ ކޮންމެ މީހެއްގެ ޙަޔާތުގެ މަޝްރޫޢުއެއް އޮންނަން ޖެހޭނެކަމަށާއި އެ މަޝްރޫޢުއަކީ ޤްރުއާން ހިތު ދަސްކޮށްފައިވާ ކުއްޖަކު އުފެއްދުންކަމަށެވެ. އަދި ޤްރްއާނުގެ އަހުލުވެރިންނަށް އާޚިރަތުގައި ހުރި މަތިވެރި ސަވާބުގެ ވާހަކަވެސް ޝައިޚް ސަމީރު ބަޔާންކޮށްދެއްވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކިނޮޅަހު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޙުސައިން ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން އެންމެ އަހަރެއް ފިޔަވާ ޤްރްއާން މުބާރާތެއް ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މުބާރާތް ހަމައެކަނި ނުބޭއްވުނީ 2020 ވަނަ އަހަރު ކޮވިޑްގެ ދުވަސްވަރުކަމަށާއި ކިނޮޅަހު ކައުންސިލްގެ އެންމެ އިސްކަންދީގެން ބާއްވާ އެއް މުބާރާތަކީ ޤްރުއާން މުބާރާތްކަމަށެވެ.
ކިނޮޅަހު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޤްރުއާން ކިޔެވުމުގެ 13 ވަނަ މުބާރާތުގެ ތިން ވަނަ ހޯދީ ޝާޔާ ސަމްސާދެވެ. އަދި ދެ ވަނަ ހޯދީ ޢާއިޝަތު ބިންތު ޝުޖާއުއެވެ.


