ފައިސާ ޗާޕްކުރުން ހުއްޓާލުން އެއީ ފަސޭހަ ނިންމުމެއް ނޫނެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުކުރާނަމަ މިއަދުވެސް ޤައުމުގެ މާލީ ހާލަތު އޮތް ވަރަށްވުރެ އިތުރަށް ގޯސްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވިއެވެ. މި ސަރުކާރު ފެށުނުއިރު 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައިވެއެވެ. ހަމައެހެންމެ ފާއިތުވި ފަސްއަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރިވަރު އޭގެ ކުރީގެ 40 އަހަރު ޗާޕުކުރިވަރަށްވުރެ ގިނައެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފަސް އަހަރުގެ ތެރޭގައި، ޖުމްލަ 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ރާއްޖޭގެ އިޤުތިޞާދީ ހާލަތު އޮތްގޮތަށް ބަލާއިރު ފައިސާ ޗާޕްކުރުން ހުއްޓާލުމަށާއި، އިޤުތިޞާދީ ހާލަތު ބަދަލުކުރުމަށް މިސަރުކާރުން އެޅި ފިޔަވަޅުތަކަކީ މިހާލަތުގައި އޮތް އެއްވެސް ޤައުމަކުން ނުނިންމާފަދަ ހިތްވަރު ގަދަ ނިންމުމެއްކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ފާހަގަކުރާކަމުގައެވެ. މީގެ އިތުރުން މިސަރުކާރުން ލޯނު ނަގައިގެން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތައްވެސް ކުރިއަށްގެންދާނީ ދިވެހިންނަށް އޭގެ މަންފާ ކުރާގޮތަށްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ތަކުރާރުކޮށް ވިދާޅުވަމުންގެންދަވަނީ، އެހުރިހާ ކަމެއްވެސް މިސަރުކާރުން ފުރިހަމަކޮށްދެއްވާނެކަމަށެވެ. އެހެންނަމަވެސް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތަށް ބަލައި އެންމެ އިސްކަންދޭ ކަންކަން ތަރުތީބުކުރައްވައިގެން ކުރިއަށްދިއުމަށް އެމަނިކުފާނު އެދިވަޑައިގަންނަވައެވެ. މިސަރުކާރުން މި ޙާލަތުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވަނީ މިކަންކަމަށް އިސްކަން ދެއްވައިގެންނެވެ.
މި ސަރުކާރު ޙަވާލުވިއިރު ވާރުތަވި ދަރަނިން އަރައިގަތުމަށްޓަކައި އިންޑިޔާ އާއި ޗައިނާ ފަދަ ޤައުމުތަކާ ގުޅުން ބަދަހިކުރައްވައި، ދައްކަންޖެހޭ ދަރަނި ފަސްކޮށް ރީސްޓްރަކްޗަރކުރުމުގެ އެތައް މަސައްކަތެއް ކުރައްވައިފިއެވެ. އަދި އެ މަސައްކަތުގެ ނަތީޖާ މިދަނީ ފެންނަމުންނެވެ. ޤައުމު ދަރަނިވެރި ނުވެ މިހާ ހިސާބަށް އައިސްފަނީ މިފަދަ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވައިގެންނެވެ. ނަމަވެސް، އިިދިކޮޅު ފަރާތްތަކުން 2024 ވަނަ އަހަރުވެސް ބުނަމުންދިޔައީ އެ އަހަރުވެސް ޤައުމު ބަނގުރޫޓްވާނެ ކަމަށެވެ. މިއަހަރު ޤައުމު ބަނގުރޫޓް ނުވުމުން، މިހާރު ބުނަމުންދަނީ އަންނަ އަހަރު ޤައުމު ބަނގުރޫޓްވާނެ ކަމަށެވެ. އަންނަ އަހަރު ވާނެ ގޮތެއް ބަލަމާ ހިނގާށެވެ. އެނގޭހާވެސް ކަމަކީ އަންނަ އަހަރު ދައްކަންޖެހޭ ދަރަނިތައް ފަސްކުރުމާއި ރީސްޓްރަކްޗަރކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން މިހާރުވެސް ކުރައްވާފައިވާކަމެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވަނީ، ކޮވިޑުގެ ދުވަސްވަރު ދަރަނި ނަގަން ޖެހުނީ އާމްދަނީ ދަށަށް ދިޔުމުން ކަމަށާއި އެމްޑީޕީގެ ދެވަނަ ސަރުކާރުން ނެގި 56 ބިލިއަނުގެ ތެރެއިން 19 ބިލިއަނުގެ ދަރަންޏަކީ ކޮވިޑާއެކު އިތުރުވި ދަރަނި ކަމަށެވެ. އެހެންކަމުން، ބޮޑު ދަރަންޏަށް ނެންގެވިކަމަށް އަމިއްލަ ފުޅަށްވެސް އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް، މިހާބޮޑު ދަރަންޏެއް ނަގައި ޤައުމު ބަނގުރޫޓްވާނެކަމަށް ވިދާޅުވާއިރު، އެ ދަރަނިތައް ނެގިގޮތާއި ދައްކާނެ ގޮތުގެ ތަފްސީލު އޭރު ހާމަ ނުކުރެއްވީ ކީއްވެތޯއެވެ؟ އިޤްތިޞާދީ މާހިރަކަށް ވެގެން އުޅުއްވާއިރު، އެފަދަ ހިސާބުތައް އާންމުކުރުމުގެ ޤާބިލުކަން އޭރު ލިބިވަޑައި ނުގެންނެވީ ކީއްވެތޯއެވެ؟ ވެރިކަން ގެއްލުމުން މިހާރު އޮތް ސަރުކާރުން އެ ތަފްސީލުތައް ހާމަކުރަން ތިޔަ ގޮވައިލައްވަނީ ކޮންކަމެއް ހާސިލުކުރެއްވުމުގެ ނިޔަތެއް އޮވެގެންތޯއެވެ؟ ޤައުމަށް ހެޔޮ އެދޭނަމަ އޭރުވެސް އެތަފްސީލްތައް ހާމަކުރައްވަން ޖެހިވަޑަައިގަންނަވާނެ ނޫންތޯއެވެ؟