15 އޮކްޓޫބަރު 2025

ޚިޔާލީ ފޮލާ ކައްކާ މީހުންނާއި ޚިދުމަތްތެރި ފުލުހުންގެ ޙަޤީޤީ ފަސްމަންޒަރު

ލާއިންސާނީ އަދަބު ދީ ޣައިރު ގާނޫނީ އަދަބު ދޭ ވަކިވަކި ފުލުހުންގެ ވާހަކަ ދެއްކުމަކީ ބިރުދެއްކުން ނޫން ކަމަށާއި އެ ވާހަކަތައް ދައްކަނީ ފުލުހުން ޒިންމާދާރު ކުރުވަން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަޙްމަދު ޢަލީ ސަވާދު ވަނީ ވިދާޅުވެފައެވެ. ސަވާދު މިފަދައިން ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރެއްވީ އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިންނަށް އަނިޔާކުރި ފުލުހުންގެ ވާހަކަ ދައްކާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުސް އޮފީހުން ރޭ ނެރުނު އިންޒާރުގެ ބަޔާނާއި ގުޅިގެންނެވެ.

"ފުލުހަކަށް ވިޔަސް މީހުނަށް ލާއިންސާނީ އަނިޔާ އަދި ޣައިރު ގާނޫނީ އަދަބެއް ދީފިއްޔާ އަނިޔާވި މީހާވެސް ބަލަންތިބޭ މީހުންވެސް އަޑުއަހާ މީހުންވެސް އެވާހަކަ ދައްކާނެ. އަދި އެކަން ކުރިބަޔަކު ޒިންމާދާރު ކުރުވަންވެސް ގޮވާނެ. އެއީ ފުލުހުންނާ ފުލުހުންގެ އާއިލާއަށް ބިރުދެއްކުމެއް ނޫން،" ސަވާދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ދައުލަތުގެ އިދާރާއެއްގެ މީހަކު ގޯހުން ކަމެއް ކޮށްފިއްޔާ އެވާހަކަ ދައްކާ މީހާ އެބުނަނީ ތިމަންނަގެ ފައިސާއިން މުސާރަނަގާ މީހާ ތިމަންނަގެ މައްޗަށް ގޯސް ހަދައިފިޔޭ ކަމަށް ވެސް ސަވާދު ވިދާޅުވިއެވެ.

އޭނާ މިފަދައިން ޚިޔާލު ފާޅުކުރައްވާފައިވާއިރު، ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރަމަށް ހުރަސްއެޅުމުގެ ގޮތުން، ވަކިވަކި ފުލުހުންނާއި ފުލުހުންގެ އާއިލާއަށް ބިރުދައްކައި، ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި މަޢޫލޫމާތު ފަތުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދެއްވާފައެވެ. އޮކްޓޫބަރު 3ވަނަ ދުވަހު އެމްޑީޕީން އިންތިޒާމްކޮށްގެން ބޭއްވި އެއްވުން، ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ހުއްޓުވުމަށް މަސައްކަތްކުރި ވަކިވަކި ފުލުހުންގެ ޒާތީ މަޢުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކޮށް، އިންޒާރުދީ ބިރުދައްކަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައިި ވަނީ އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އޭގެތެރެއިން ބައެއް މީހުން ފުލުހުންނާއި ކުރިމަތިލައި، ގާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގަންފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރިކަމަށް ވިދާޅުވެފައެވެ. ފުލުހުން ވަނީ ޤާނޫނާ ޚިލާފް އެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރި ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، ހިންގަމުންދާކަންވެސް ފާހަގަކުރައްވާ އެ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވަނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެއޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި މަޢޫލޫމާތު ފަތުރަމުންދާކަމަށް ވިދާޅުވެފައެވެ. ފުލުހުން ވަނީ އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.

އަދި، ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައިވަނީ ދެއްވާފައެވެ. ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމުގައިވެސް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަކުރައްވާފައެވެ.

ސަަވާދަށް ހީފުޅު ތިޔަ ކުރެއްވުނީ ރަނގަޅަކަށް ނޫނެވެ. އެ މުޒާހަރާގެ ތެރެއިން ފުލުހުން ޢަމަލުކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލް ކޮށެވެ. އެ މުޒާހަރާ ހުއްޓުވުމަށް ލާއިންސާނީ އަދަބު ދީ ޣައިރު ޤާނޫނީ އަދަބު ދިން ފުލުހެއް އަހަރެމެންނެއް ނުދެކެމެވެ.

ފުލުހުންގެ މި ވާހަކަތަކަށް އަހަރެން ފުރިހަމައަށް ތާޢީދުކުރަމެވެ. އަހަރެމެންނަށް މުހިންމީ ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމެކެވެ. މޫސުމަށް ފަރިވެ ފޮޅޭ މަލެއްހެން ބަޔަކު މީހުން ބޭނުންވާ ގޮތަށް ޚިޔާލީ ފޮލާ ކައްކައިދޭ ވަކީލުންގެ ބަހެއް އަހަރެމެންނަކަށް މުހިންމެއް ނޫނެވެ. އަހަރެމެން ތިބޭނީ ދިވެހި ޤައުމު ދިފާއުކުރާ، ޤައުމަށްޓަކައި ޤުރުބާންވާ ލަޝްކަރާއެކުގައެވެ. އަނިޔާވެރިވާ މީހުންގެ ވަކިތަކުން ވެރިންނާއި ރައްޔިތުން ސަލާމަތްކުރާ އާރުކާޓީންނާ އެކުގައެވެ. ފުލުހުންނާ ދިމާކޮށް އެމީހުންގެ ޚިދުމަތް ވެއްޔާ މޮޑެލައި ހަވަރަށް ދޭ ބަޔަކާއެކު އަހަރެމެން ނުވަމުއެވެ. ފުލުހުންގެވެސް ޢިއްޒަތަކާއި ކަރާމާތެއްވެއެވެ. އެމީހުންނަށްވެސް ޙައްޤުތަކެއް ލިބިގެންވެއެވެ. އެ މީހުންގެ ޢާއިލާތަކަށްވެސް ރައްކާތެރިކަން އޮންނާންޖެހެއެވެ. ދިމާކުރަންޖެހޭނީ ޤާނޫނީ ވާޖިބު އަދާާކުރާ ފުލުހުންނަކާ ނޫނެވެ. މައްސަލައެއް އޮތްނަމަ، ދައުލަތުގެ ނިޒާމުގެ ތެރެއިން ޙައްލު ހޯދާށެވެ. ޑިމޮކްރެސީގައި އޮންނަނީ އެ ހަމައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މީކޮންކަހަލަ ޑރ.އެއްތަ. މިކޮސްޓަރ މިކިޔަނީ ފުލުހުންގެބަޔާނާ ދިމާއިދިކޮޅު ހާސަރުތަކެއް. އަދިވެސް ތިމާރުހޭ ބައިގަޑުރުއްސަން ކޮސްއަގައެއްއެރުވޭތޯބަލާ.

  2. ދަވާދެއްގެ ވާހަކައެއް ދައްކާއިރަށް ސަވާދެއް، ކެކިއަރަނީ ކީއްވެތޯ ސުވާލުއުފެދޭ. އެމްޑީޕީން ސުލްހަވެރި މުޒާހަރާއެއް ބޭއްވީ ކޮން އިރަކު؟ ކޮންތާކު؟ ހައްތްވެސް އަހުރެންނަށް ފެނިފައިވަނީ ފަސާދައާއި ހަލާކު އަދި ފަނާކުރަނިވި މުޒާހަރާ. ފެންނަނީ ދަރިފުޅު ދެކެ ލޯބިވާކަމަށް ބުނާއިރު އަނގަމަތީ ޖަހައި ދަތްކޮޅު ދުއްވާލާ މަންޒާރު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު