18 އޮކްޓޫބަރު 2025

ސްކޭމްގެ 42 މައްސަލައަކާ ގުޅިގެން ގެއްލުނު 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

މިދިޔަ ހަފުތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކާ ގުޅިގެން ގެއްލުނު ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސެޕްޓެމްބަރު 28 އިން އޮކްޓޯބަރު 4 އާ ހަމައަށް ސްކޭމްގެ 42 މައްސަލައެއް ހުށަހަޅާފައިވެއެވެ. މި މައްސަލަތަކުގައި 318،342.50 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 221،243.33 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

ފާއިތުވި ހަފުތާގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި 19 މައްސަލައެވެ. މީގެއިތުރުން، ބޭރު ފައިސާ މާރުކުރުމާ ގުޅޭ 6 މައްސަލައާއި، އިމްޕަރސަނޭޝަންގެ 7 މައްސަލަ އަދި ތަފާތު ލިންކުތަކާއި ވަޒީފާއާ ގުޅުންހުރި 3 މައްސަލަ ހުށަހެޅިފައިވެއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް، ފައިސާ ދިނުމުގެ ކުރިން އެފަރާތެއްގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މަޢުލޫމާތު ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި އެޕްލިކޭޝަންތަކުގައި ޓޫ ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ފުލުހުން އަންގަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު