ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންގެ އިންޝުއަރެންސް އަންނަ އަހަރުގެ ބަޖެޓުން ހަމަޖައްސައިދޭން ނިންމައިފިކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި، އިންޝުއަރެންސް ކުންފުނިތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު، މިހާރު ވަނީ އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުމަށް ނިންމާފައެވެ. އަދި މިކަން މިއަހަރު ތެރޭގައި ރަސްމީކޮށް އިޢުލާނު ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، "މީގެ ކުރިން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ދިނުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުޑަ ދުވަސްކޮޅަކަށްފަހު ކުޅުންތެރިން ސްކޮޑުން ބަދަލުވުން" ކަމަށާއި، ނަމަވެސް މިހާރު އެކަމަށް ހައްލެއް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ. މި ހައްލުގެ ދަށުން، ވަކި ކުޅުންތެރިޔަކަށް އިންޝުއަރެންސް ދިނުމުގެ ބަދަލުގައި، ވަކި އަދަދެއްގެ ކުޅުންތެރިންގެ ޕޫލްއަކަށް އިންޝުއަރެންސް ދެވޭނެއެވެ.
މީގެއިތުރުން ވަޒީރު ވަނީ އަރުތަ ޕްރޮގްރާމަށް ގެނެވުނު އައު ބަދަލުތަކުގެ ވާހަކަވެސް ހާމަކުރައްވާފައެވެ. މި ބަދަލުތަކާއެކު، ކުޅިވަރަށް މޮޅު ދަރިވަރުންނަށް ސްޕޯޓްސް މެރިޓް ސްކޮލަރޝިޕް ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ބޭރުގައި ތަމްރީނުވަމުންދާ އެތްލީޓުންނަށް އެޑިއުކޭޝަން ޕެކޭޖްވެސް ލިބޭނެއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މި އައު އިންތިޒާމުތަކަކީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ޝައުގުވެރިކުރުވުމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.