18 އޮކްޓޫބަރު 2025
ރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން، ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި މިދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކުރެވުނު މަސައްކަތް ރަސްމީވެގެން ގޮސްފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މިޞްރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި ހުންނެވި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު، މިޞްރުގެ ތަޙްރީރު ޕެލެސްގައި ބޭއްވުނު ބައްދަލުވުމެއްގައި ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ވަޞީލަތް ބިނާކުރުމަށް މިޞްރު ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ޚާއްޞަކޮށް އަލް-އަޒްހަރު ޔުނިވަރސިޓީން ފޯރުކޮށްދެއްވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ދެޤައުމުގެ ދެމެދު އިޤްތިޞާދީ، ވިޔަފާރި، އިންވެސްޓްމަންޓް، ސިއްޙީ ނިޒާމް، ކާބޯތަކެތީގެ ރައްކާތެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިންނާއި ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިޞްރުން އަދާކުރެއްވި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި މިޞްރުގައި ބޭއްވުނު ޣައްޒާގެ ސުލްހައާ ގުޅޭ ސަމިޓާއި، އޭގެފަހުން ސޮއިކުރެވުނު ސުލްހައިގެ އެއްބަސްވުމުގައި މިޞްރުން އަދާކުރި ދައުރަށް މަރުހަބާ ދެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު