ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކޮށް، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފިއެވެ.
ޗައިނާގެ ޝަންހާއީގައި ކުރިއަށްދާ "ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑަރސް ކޮންފަރެންސް 2025″ ގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުން ޑރ. ވަހީދު ވިދާޅުވީ "ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި ދައްކާ ވާހަކައެއް ނޫން، އެއީ ރާއްޖެ ދެމިއޮތުމާއި ނެތުން އޭގެ މައްޗަށް ބިނާވެފައިވާ ކަމެއް" ކަމަށެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޑރ. ވަހީދު ފާހަގަކުރެއްވީ މި ބަދަލުތަކުގެ އަސަރު ކުރާނީ ހަމައެކަނި ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ނޫންކަމަށާއި، އޭގެ ނުރައްކާ ރާއްޖޭގެ ސަގާފަތާއި ތަރިކައާއި ތާރީޚަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ.
"ރާއްޖެ ކުޑަވުމަކީ ޤައުމުގެ ބާރެއް ނެތުން ނޫން" ކަމަށް ވިދާޅުވަމުން، ޑރ. ވަހީދު އިތުރަށް ފާހަގަކުރެއްވީ ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނީ ހަމަހަމަކަމާއި ވިލުންތެރިކަމާއެކު، އީޖާދީ ގޮތްތައް ބޭނުންކޮށްގެން ދުނިޔެއަށް ނަމޫނާ ދެއްކުމަށް ކަމަށެވެ.
ކޮންފަރެންސްގައި ވާހަކަފުޅު ނިންމަވަމުން، ޑރ. ވަހީދު ވިދާޅުވީ ޙަޤީޤީ ލީޑަރޝިޕަކީ ފައިސާ އާއި ޤައުމުގެ ބޮޑުކަމަށް ބިނާވާ އެއްޗެއް ނޫން ކަމަށާއި، ދުނިޔެއަށް މިއަދު ބޭނުންވަނީ ވަގުތީ މަންފާއަށްވުރެ އަންނަން އޮތް ޖީލުތައް އިސްކުރާ، ކެރޭ ލީޑަރުންތަކެއް ކަމަށެވެ. އަދި ރާއްޖެއިން މަސައްކަތްކުރާނީ ވިލުންތެރި، ހަމަހަމަ، އަދި ފާގަތި މުސްތަޤްބަލެއް ކުރިއަށް އޮތް ޖީލުތަކަށް ހޯދައިދިނުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.