ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ވަށައިޖެހޭ ކުރިއެރުން ޤައުމަށް ގެނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މިހެން މެންބަރުން ވިދާޅުވެފައިވަނީ 11 އަހަރު ފަހުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކަށް މިއަދު ކުރެވުނު ބަހުސްގައެވެ.
މަޖިލީހުގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވި ގޮތުގައި ރާއްޖޭގައި ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވަނީ 5 އަތޮޅެއްގައި ކަމަށާއި، އިތުރު އަތޮޅުތަކުގައިވެސް ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކެއް ހޯދަން ޖެހެއެވެ. އައު ބިލާއެކު އިންވެސްޓަރުންގެ ޝައުޤުވެރިކަން ލިބި، ހުރިހާ އަތޮޅެއްގައިވެސް ފަތުރުވެރިކަން ޤާއިމުކުރުމަށް މަގުފަހިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައު ބިލުގައި ސްޕެޝަލް އިކޮނޮމިކް ޒޯންގައި އިންވެސްޓްކުރެވޭނީ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން ޢަދަދެއްގެ އިންވެސްޓްމަންޓްތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް ގެނެވި، ޢުމްރާނީ ގޮތުންނާއި މާލީ ގޮތުން ސީދާ ރައްޔިތުންނަށް ކުރިއެރުން ލިބޭނެކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވި ގޮތުގައި 2014 ގައި މި ޤާނޫނު ފުރަތަމަ ތަޞްދީޤުކުރެވުނު ނަމަވެސް، އޭރު ރާއްޖެއަށް އިންވެސްޓްމަންޓްތައް ނުގެނެވުނީ އިދިކޮޅުން ޤައުމު ހަލަބޮލިކުރުމަށް މަސައްކަތްކުރުމުގެ ސަބަބުންނެވެ. އަދި މިހާރު އަލުން އިންވެސްޓްމަންޓްތައް ގެނައުމަށް ފަހި ދޮރުތަކެއް ސަރުކާރުން ހުޅުވާލަން މަސައްކަތްކުރާއިރު، މިކަމަށް އިދިކޮޅުން އެއްބާރުލުން ދިނުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބިލަށް ބަހުސްކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނު އެކުލަވާލީ ޕީޕީއެމްގެ ސަރުކާރުގައި 2014 ވަނަ އަހަރު ކަމަށެވެ. އޭރު ވެރިކަމުގައި ތިއްބެވި އިސްބޭފުޅުން ރާއްޖެއަށް އިންވެސްޓްމެންޓްތައް ގެނައުމަށް ގިނަ މަސައްކަތްތަކެއްކޮށް، އިންވެސްޓަރުންނަށް ފަހިވާ ގޮތަށް ޤާނޫނުތައް ބައްޓަންކުރިކަމަށް ޝުޖާޢު ވިދާޅުވިއެވެ.
އެ ދުވަސްވަރު ސަޢުދީ ޢަރަބިއްޔާގެ ބޮޑު ކުންފުންޏަކުން ފ. އަތޮޅުގައި ބޮޑު ޕްރޮޖެކްޓެއް ހިންގަން ޝައުޤުވެރިކަން ފާޅުކުރި ކަމަށާއި އެކަން ޙަޤީޤަތަކަށްވުމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ޒިންމާދާރުކަން ކުޑަ މަސައްކަތްތަކެއްކުރިކަމަށް ޝުޖާޢު ވިދާޅުވިއެވެ. ނަތީޖާއަކަށްވީ ޓެކްސް އާމްދަނީ އެތައް ގުނައަކަށް އުފުލިގެންދާނެ އެ ޕްރޮޖެކްޓް ސަރުކާރަށް ގެއްލުންކަމަށް ޝުޖާޢު ވިދާޅުވިއެވެ.
"އެމްޑީޕީން މުޒާހަރާކޮށް ފ. ހިމާޔަތްކުރުމުގެ ނަމުގައި ހިންގި މުޒާހަރާއާ ގުޅިގެން ހިންގި ޢަމަލުތަކުގެ ސަބަބުން އެ މަޝްރޫޢުވެސް ގެއްލިގެން ދިޔައީ. އެ މަޝްރޫޢު ޙަޤީޤަތަކަށް ހެދުނު ނަމަ ޓެކުހުގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބުނީސް." ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ އޭރު ހިންގަން އުޅުނު އިހަވަންދިއްޕޮޅު މަޝްރޫޢު ވެސް ކާމިޔާބުނުވީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގައިގެން އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި މާޙައުލެއް ނެތްކަމަށް އިދިކޮޅު އެމްޑީޕީން ދެއްކުމުން ކަމަށެވެ. އަނެއްކާވެސް ޤައުމު އާރާސްތުކޮށް އިންވެސްޓަރުންނަށް ފަހި މާޙައުލެއް ހޯދުމަށް މިއަދުގެ ސަރުކާރުން މަސައްކަތްކުރާއިރު، މިކަމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުންދިނުމަށް ޝުޖާޢު ގޮވާލެއްވިއެވެ.
"އިޤުތިޞާދީ ގޮތުން ފަތުރުވެރިކަމަށް އެކަނި ބަރޯއްސާވުން ކުޑަކޮށް އައު އާމްދަނީގެ މަގުތައް ހުޅުވި، ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތްތައް ހަރުދަނާވާނެ. ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުވެ މާލީ ނިޒާމު ހަރުދަނާވެގެންދާނެ. ޢުމްރާނީ ގޮތުން ބަލާއިރު، ރޭވުންތެރިކަމާއެކު ތަރައްޤީކުރެވޭ ޓައުންޝިޕްތަކުގެ ސަބަބުން ޒަމާނީ އުފެއްދުންތެރި ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ މާޙައުލުތައް އުފެދިގެންދާނެ." ޝުޖާޢު ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޤުތިޞާދަށް ލިބޭ ނަފާގެ 90 އިންސައްތައަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ކަމަށާއި، ރާއްޖެއަށް އިންވެސްޓްކުރާނެކަމަށް އެންމެ ބޮޑަށް ޤަބޫލުކުރެވެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށެވެ. އަދި ބިލުގައިވާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯން ހަދައިގެން އިންވެސްޓަރުން ގެނައުމަކީ ސަރަހައްދީ ތަރައްޤީއަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.