އަންނަ އަހަރުގެ ކުރީކޮޅު މާބައިދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިޢުލާނުކުރައްވައިފިއެވެ. މިކަން ރައީސް އިޢުލާނުކުރެއްވީ މާބައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރަކީ މާބައިދޫގެ ތަރައްޤީއަށް މުހިއްމު އަހަރަކަށް ވެގެންދާނެ ކަމަށެވެ. އަދި ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ވީ ވަޢުދެއް މިރަށުގެ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރަން. އެކަން ކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މާބައިދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ޖަނެރޭޓަރު ފެނަކަ މެދުވެރިކޮށް ފޯރުކޮށްދެއްވާނެކަމަށާއި، ރަށުގެ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވަނީ އިޢުލާނުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މާބައިދޫގެ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކެއްގައި ސޮއިކުރެވުނެވެ. މިގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި، ލ. އަތޮޅު މަދުރަސާގެ މަލްޓިޕަރޕަސް ހޯލު ޤާއިމުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯރޕަރޭޝަނާއި ހަވާލުކުރެވުނެވެ. އަދި ޒަމާނީ ފުޓުބޯޅަ ދަނޑެއް ޤާއިމުކުރުމުގެ މަސައްކަތް އާރް.ޑީ.ސީއާ ހަވާލުކުރެވުނެވެ.