އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ 36 އަހަރުވީ ވެރިކަމުގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ދަނޑިވަޅާ މިހާރު ވަނީ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާއިން އީރާނަށް ދީފާނެ ޙަމަލާތަކަކުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާއިރު، ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. މީގެ އިތުރުން އިޒްރޭލާއި އެމެރިކާއިން ދިން ޙަމަލާތަކުގައި އީރާނުގެ ނިއުކްލިއާ އަދި މިސައިލް ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ސަރަޙައްދީ ގޮތުން ބަލާއިރު، އީރާނުގެ ބާރުތައް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ލުބުނާނުގެ ހިޒްބުﷲ ބަލިކަށިވެ، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން މެދުއިރުމަތީގައި އީރާނުން ގެންގުޅުނު ނުފޫޒު ވަނީ ކުޑަވެފައެވެ. މިހާރު އެމެރިކާއިން ބާރުއަޅަމުންދަނީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުމަށެވެ. ނަމަވެސް، ޚާމަނާއީ ދެކެވަޑައިގަންނަވާ ގޮތުގައި މިސައިލްތަކަކީ އިޒްރޭލުގެ ޙަމަލާތަކުން ދިފާއުވުމަށް އޮތް ހަމައެކަނި ވަސީލަތްކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމުގެ ޙަޤީޤަތް އެނގޭނީ ކުރިއަށް ހުރި ދުވަސްތަކުގައި ނިއުޅެމުންދާ ކަންކަމުންނެވެ.
ޚާމަނާއީއަކީ ހުޅަނގުގެ ގައުމުތަކަށް، ޚާއްސަކޮށް އެމެރިކާއަށް ވަރަށް ބޮޑަށް ނަފުރަތު ކުރައްވާ ބޭފުޅެކެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމެރިކާގެ މަގްސަދަކީ އޭނާގެ ވެރިކަން ވައްޓާލުމެވެ. އެހެންނަމަވެސް، އިސްލާމީ ޖުމްހޫރިއްޔާގެ ދެމިއޮތުމަށް ނުރައްކާވާ ހާލަތްތަކުގައި، އޭނާ ވަނީ ދޫދިނުންތައް ނުވަތަ "ހީރޮއިކް ފްލެކްސިބިލިޓީ" ގެންގުޅުއްވާފައެވެ. މީގެ ކުރިން 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގައި ބައިވެރިވީވެސް އިގްތިސާދީ ދަތިކަމުން ސަލާމަތްވެ ވެރިކަން ދެމެހެއްޓުމަށެވެ.
އީރާނުގެ އެތެރޭގެ ކަންކަމަށް ބަލާއިރު، ޚާމަނާއީ ވަނީ އޭނާގެ ބާރު ދެމެހެއްޓުމަށްޓަކައި ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) ފަދަ ސަލާމަތީ ބާރުތައް ވަރުގަދަކުރައްވާފައެވެ. ގައުމުގެ އެންމެ އިސް ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރު އޮންނަނީ އޭނާގެ އަތްޕުޅުގައެވެ. މިހާރު އުފެދިފައިވާ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި، ޚާމަނާއީ ނިންމަވާ ނިންމެވުންތަކުގެ މައްޗަށް މުޅި ސަރަޙައްދުގެ މުސްތަގުބަލު ބިނާވެގެންވެއެވެ.


