އީރާނުގެ ސަރުކާރަށް ތާޢީދުކޮށް އީރާނުގައި އެތައްހާސް ބަޔަކު މުޒާހަރާކުރުން. ފޮޓޯ: އޭއެފްޕީ

އިމާރާތްތައް ސުންނާފަތި ކުރެވުނަސް، އީރާނުގެ ވަތަނީ ރޫހު ފޮހެލުމަކީ ޒަޔަނިސްޓުންނަށް ކުރެވޭނެ ކަމެއް ނޫން

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްކަމުގެ އިންތިހާއަށް ގެންގޮސްފައިވާ ކަމެކެވެ. މި ހަމަލާތަކަކީ ހަމައެކަނި އަސްކަރީ އަމާޒުތަކަކަށް ދެވޭ ހަމަލާތަކެއް ނޫނެވެ. މިއީ ގައުމެއްގެ ސިޔާދަތާއި، މިނިވަންކަމާއި، އަދި އެ ގައުމެއްގެ ރައްޔިތުންގެ ވަތަނީ ޝުއޫރުތަކަށް ދެވޭ ހަމަލާތަކެކެވެ. ނަމަވެސް ތާރީޚުން ސާބިތުވާ ގޮތުގައި، ބާރުގަދަ ހަތިޔާރުން އިމާރާތްތައް ބިމާހަމަކޮށްލެވުނަސް، ރައްޔިތުންގެ ހިތްތަކުގައިވާ ގައުމީ ލޯތްބާއި އަމިއްލަވަންތަކަން ފޮހެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

އެމެރިކާއާއި އިސްރާއީލުގެ މި އަމަލުތަކަކީ އދ. ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެކެވެ. އދ. ގެ ޗާޓަރުގެ 2 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން، އެއްވެސް ގައުމަކުން އަނެއް ގައުމެއްގެ ސިޔާދަތަށް އުނިކަން އަންނަ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރުމަކީ މަނާކަމެކެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ އިސްނެގުމަށް ދެވޭ މިފަދަ ހަމަލާތަކަކީ ދުނިޔޭގެ ނިޒާމު ހަލާކުކޮށްލާ އަމަލުތަކެކެވެ.

އީރާނުގެ ރައްޔިތުންގެ ސިޔާސީ ހޭލުންތެރިކަން ބިނާވެފައިވަނީ ތާރީޚީ ހިތްދަތި ތަޖުރިބާތަކެއްގެ މައްޗަށެވެ. 1953 ވަނަ އަހަރު އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން އީރާނުގެ ދިމިގްރާތީ ސަރުކާރު ވައްޓާލުމަށް ހިންގި ބަޣާވާތަކީ އީރާނު މީހުންގެ ހިތްތަކުން ދުވަހަކުވެސް ފޮހެވިގެންދާނެ ކަމެއް ނޫނެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އީރާނުގެ ރައްޔިތުންގެ މެދުގައި ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް އޮންނަ ރޫހު ވަނީ އިތުރަށް ވަރުގަދަވެފައެވެ. މިއަދު ދެވޭ ހަމަލާތަކަކީވެސް އެ ތާރީޚުގެ އައު ބާބެއްގެ ގޮތުގައި އެމީހުން ދެކެއެވެ.

މިފަހަރުގެ ހަމަލާތަކުގައި އީރާނުގެ މަތީ ފަންތީގެ ވެރިންނަށް އަމާޒުކޮށް ދެވުނު ހަމަލާތަކުން ދޭހަވަނީ، މިއީ ހަމައެކަނި ދިފާއީ ހަމަލާތަކެއް ނޫން ކަމެވެ. މިއީ ފާޅުކަން ބޮޑު ގޮތެއްގައި ގައުމެއްގެ ވެރިކަން ބަދަލުކުރުމަށް ކުރެވޭ މަސައްކަތެކެވެ. ދައުލަތެއްގެ އެންމެ މަތީ ވެރިޔާއަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ރޮނގުތަކުން ބޭރުވެ، ނުރައްކާތެރި ހަނގުރާމައަކަށް މަގުފަހިވާނެ ކަމެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލި، މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.

2018 ވަނަ އަހަރު އެމެރިކާއިން އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަކީ ޑިޕްލޮމަސީއަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. އޭގެ ފަހުން މިހާރު ދެވޭ އަސްކަރީ ހަމަލާތަކުގެ ސަބަބުން، ސުލްހަވެރި ހައްލަކަށް އޮތް ހަނި ފުރުސަތުވެސް ވަނީ ބަންދުވެފައެވެ. ބާރުގެ ބޭނުންކޮށްގެން ގައުމެއްގެ ރައްޔިތުން ކުޑަކަކޫ ޖެއްސުމަކީ ނާދިރު ކަމެކެވެ. އޭގެ ބަދަލުގައި މިފަދަ ހަމަލާތަކުގެ ސަބަބުން އީރާނުގެ ވަތަނީ ރޫހު އިތުރަށް އާލާވެ، ބޭރުގެ ބާރުތަކާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން އެއްގަލަކަށް އަރާނެއެވެ.

އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ ބާރުން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދެވިދާނެއެވެ. ނަމަވެސް، އީރާނުގެ ތާރީޚާއި، ސަގާފަތާއި، އަދި އެ ގައުމުގެ ރައްޔިތުންގެ ހިތްތަކުގައިވާ ވަތަނީ ޝުއޫރުތަކަކީ މިސައިލަކުން ނުވަތަ ބޮމަކުން ފޮހެލެވޭނެ އެއްޗެއް ނޫނެވެ. ދާއިމީ ސުލްހައެއް ގާއިމުކުރެވޭނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، މަޝްވަރާގެ މަގު އިޚްތިޔާރު ކޮށްގެންނެވެ. ހަނގުރާމައަކީ ހައްލެއް ނޫންކަން ތާރީޚުން ވަނީ އެތައް ފަހަރަކު ސާބިތުކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ