ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން މިހާރުގެ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުކިޔައި، ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ކުރީގެ ފައިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ކުރީ ސަފަށް ނެރެގެން ދައްކާ ވާހަކަތަކާ މެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކަކާއި ނުރުހުންތަކެއް ވަނީ އުފެދިފައެވެ. ބުއްދިގަބޫލުކުރާ އާންމު ރައްޔިތުން އެމްޑީޕީގެ ފާޑުކިޔުންތައް ސީރިއަސްކޮށް ބަލައިގަންނަން ބޭނުންނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަމީރު ފަދަ ބޭފުޅުން މި ވާހަކަތަކުގެ ކުރީ ސަފުން ދުރުކުރުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އާންމުންގެ މެދުގައި މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ، "އަމީރު ލައިގެން އެމްޑީޕީއަށް ތިކަމެއް ނުވާނެ" ކަމަށް ބުނެ ފާޅުކުރަމުންދާ ޝުއޫރުތަކެވެ.
މާޒީގެ ހަގީގަތް
މިއަދުގެ ޕީއެންސީ ސަރުކާރުން ދައުލަތުގެ މާލިއްޔަތު މެނޭޖުކުރުމުގައި ނާކާމިޔާބުވެ، އިސްރާފާއި، ކޮރަޕްޝަނާއި، ނުބައި އިގްތިސާދީ ނިންމުންތައް ނިންމަމުންދާކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. ނަމަވެސް، ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ މާލީ ބޮޑު ކްރައިސިސްއަކީ 2023 ނޮވެންބަރު 17ގެ ފަހުން އުފެދުނު ކަމެއްގެ ގޮތުގައި ދެއްކުމަށް އެމްޑީޕީން ކުރާ މަސައްކަތް ރައްޔިތުން ބަލައެއް ނުގަނެއެވެ.
2013 ވަނަ އަހަރު އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި، ވެރިކަމުގައި ގައުމުން ބޮޑެތި އަދަދުތަކުން ދަރަނި ނެގި ނަމަވެސް، އެ ފައިސާގެ ބޮޑު ބައެއް ހޭދަކުރީ ގައުމަށް އިޤްތިޞާދީ ގޮތުން ނަފާލިބޭނެ ފަދަ ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށެވެ. ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވުމުގެ ސަބަބުން، ރައީސް ނަޝީދު އަދި ރައީސް ވަހީދުގެ ވެރިކަމުގައި އޮތް ބޭރު ފައިސާގެ ތާށިކަން ފިލައި، ޕީޕީއެމްގައި ވެރިކަން 2018 ވަނަ އަހަރު ނިމުނުއިރު ޑޮލަރުގެ ކްރައިސިސްއެއް ގައުމަކު ނެތެވެ. އެ ދުވަސްވަރު ބޭރުގެ ދަރަނި ހުރީ ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރުގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ 20 ބިލިއަން ރުފިޔާގައެވެ.
އެމްޑީޕީގެ 5 އަހަރު: އިގްތިސާދު ފުނޑާލުން
ނަމަވެސް، އޭގެ ފަހުން އައި އެމްޑީޕީގެ 5 އަހަރުގެ ވެރިކަމުގެ ތެރޭގައި ގައުމުގެ މާލީ ހާލަތު ދިޔައީ ބަނގުރޫޓުވުމާ ދިމާއަށެވެ. ކުރީގެ 250 މިލިއަން ޑޮލަރުގެ ސަވަރިން ބޮންޑު ރިފައިނޭންސް ކުރުމަށްޓަކައި 600 މިލިއަން ޑޮލަރުގެ ސުކޫކެއް ނެގުމުގެ އިތުރުން، އެއްވެސް ހިފެހެއްޓުމެއް ނެތް ގޮތުގައި ބިލިއަނުން ރުފިޔާ ޗާޕުކޮށް އިގްތިސާދުގެ ތެރެއަށް ދޫކޮށްލުމުން ދިވެހި ރުފިޔާގެ އަގު ވެއްޓިގެންދިޔައެވެ.
މީގެ އިތުރުން:
-
މާލީ ގޮތުން ފައިދާއެއް ނެތް މަޝްރޫއުތައް: ތިލަމާލޭ ބްރިޖް ފަދަ ނަފާ ނުލިބޭ ބޮޑެތި މަޝްރޫއުތަކަށް އެތައް ސަތޭކަ މިލިއަނުން ޑޮލަރު ދަރަންޏަށް ނެގުން.
-
ދަރަނި ދެގުނަވުން: ބޭރުގެ ދަރަނި 4 ބިލިއަން ޑޮލަރަށް އަދި އެތެރޭގެ ދަރަނި 40 ބިލިއަން ރުފިޔާއަށް އަރައި، ދަރަނި ދެގުނަވުން.
-
ދައުލަތުގެ މުއްސަނދިކަން ބެހުން: ގައުމަށް އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް ހުޅުމާލޭގެ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ބިންތައް ހިލޭ ބަހާލުމާއި، ނާޖާއިޒު ގޮތުގައި އެކި ކުންފުނިތަކަށް "ސެޓްލްމަންޓް" ގެ ނަމުގައި ބިލިއަނުން ފައިސާ ދިނުން.
މިހުރިހާ ނިންމުންތަކެއް ނިންމައި، ގައުމުގެ އިޤްތިޞާދީ ހުންގާނުގައި ހުންނެވި ބޭފުޅަކީ އޭރުގެ ފައިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.
"ކުނިގަނޑެއްގެ ބަދަލުގައި އަނެއް ކުނިގަނޑު"
”ޑޮލަރެއް ނެތް“ ނަމުގައި ރޭ އެމްޑީޕީން ބޭއްވި ފޯރަމް ލީޑުކުރެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އަމީރެވެ. ރޭ އަމީރު ވިދާޅުވީ ޑޮލަރުގެ އަގު އުފުލޭ އެއް ސަބަބަކީ ދައުލަތުގެ ހަރަދު ކުޑަނުކުރެވި، ބަޖެޓް ފައިނޭންސްކުރަން ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ވެސް އެއްކޮށްހެން ނުކުޅެދިފައިވުން ކަމަށެވެ. އަމީރު ވިދާޅުވީ ސަރުކާރުން ޑޮލަރު ރޭޓު ދަށަށް ދާނެ ކަމަށް ބުންޏަސް އެއީ އިޤްތިޞާދީ ހަމައަކުން ބަލާފައި ދައްކާ ވާހަކައެއް ނޫންކަން އެނގޭ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ރޭޓު މައްޗަށް ދާއިރު، އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިވާހަކަތަކަށް މިހެން ދެއްކެވިޔަސް އަމީރު ފިނޭންސް މިނިސްޓަރުކަމުގައި ރާއްޖޭގެ އިޤްތިޞާދަށް ދިން އަނިޔާ ދިވެހިންގެ ހިތްތަކުން ފިލައިގެން ދާނީ ކިހިނަކުންތޯއެވެ؟ މިއީ ކަނޑައެޅިގެން އަމީރު ދައްކަވާ މާލީ ޒިންމާދާރުކަމުގެ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާ ސަބަބެވެ. ގައުމުގެ މާލިއްޔަތު ހަލާކުކޮށްލި ސިޔާސަތުތަކެއްގެ މޭސްތިރިޔަކު، މިއަދު ގައުމަށް މާލީ ބަސްބުނަން ނިކުތުމަކީ "ފެއިލްވެފައި އޮތް ކުނިގަނޑެއްގެ ބަދަލުގައި، މާޒީގައި ޓެސްޓުކޮށް ފެއިލްވެފައި އޮތް އެހެން ކުނިގަނޑެއް" ގެނައުމާ ސިފަވާ ކަމެކެވެ. މިއީ އިސްލާހީ ބަދަލެއް ނޫނެވެ.
"ރައްޔިތުންނަށް ކަމުނުގޮސްގެން ބޭރުކުރި ސިޔާސަތުތަކެއްގެ މޭސްތިރިން އަނެއްކާވެސް ކުރިއަށް ނެރުމަކީ، އެމްޑީޕީން މާޒީން އިބްރަތް ހާސިލްނުކުރާ ކަމުގެ ހެއްކެއް. ގައުމަށް ބޭނުންވަނީ ފެއިލްވެފައިވާ އެއް ސިޔާސަތު އަނެއް ސިޔާސަތުން ބަދަލުކުރުމުގެ ބާތިލް ބުރުން ސަލާމަތްވުން،" ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި އާންމު ރައްޔިތަކު ބުނެފައިވެއެވެ.
އެމްޑީޕީން ހަގީގަތުގައި ވެސް ގައުމީ އިސްލާހަށް މަސައްކަތްކުރާ ނަމަ، މާޒީގެ ކުށްތަކަށް އިއުތިރާފުވެ، އަމީރު ފަދަ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ފަރާތްތައް ދުރުކުރަންޖެހެއެވެ. އެހެންނޫންނަމަ، "އެމްޑީޕީއަށް ތިކަމެއް ނުވާނެ" ކަމަށް ބުނާ އަޑުތައް ދާނީ ދުވަހުން ދުވަހަށް ގަދަވަމުންނެވެ.



ކިޔުންތެރިންގެ ޚިޔާލުތައް:
ރައްޔިތުންގެ މިލްކިއްޔާތުން ވައްކަންކުރާވަރުން އޮބިނޯވެގެން ރައްޔިތުންނިކުމެ މުލުވަގުންގެޓީމު ބޭރުކުރީ،ޔަޢުނީސިޔާސީ މައިދާނުގަ ބަނޑުއަކިރީގެދަރަޖައަށް ދަށްކޮށްފަ ތިބީ،އެކަމަވެސް ވަށްކަންކުރަންލިބޭލެއްލަސްވެގެން މައިކަލްޖެކަޝަންހެދިގެން ރޯރޑްޝޯރބާއްވަނި ޝޯބަލާކަށް މީހަކު ނުނިކުމެ،މާބޮޑަށް ލަދުހަޔާތް ނެތިގެންއުޅެންޏާ ޝަރީޢަތް ހިންގައިފަ ޢުމުރުދުވަހުގެޖަލުހުކުމެއް.އަތުވެދާނެ،