ޕީއެންސީގެ އިންތިޚާބުން ފެނުނީ ރައީސްގެ ސިޔާސަތަށް ރައްޔިތުންގެ މެދުގައި އޮތް ބޮޑު ތާއީދު: ޢަބްދުއްރަޙީމް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުން ފެނިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި ބޮޑު ތާއީދެއް އޮތް މިންވަރު ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕާޓީގެ އިންތިޚާބާ ގުޅޭގޮތުން ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 09:00 އިން ހަވީރު 04:00 އަށް ޖުމްލަ 119 ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ޢަބްދުއްރަޙީމް ހާމަކުރެއްވި ގޮތުގައި، މި އިންތިޚާބުގައި 40,000 އެއްހާ މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން 85 އިންސައްތަ (ގާތްގަނޑަކަށް 33,000 މެންބަރުން) ވަނީ ވޯޓުލާފައެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، މިއީ އެތެރޭގެ އިންތިޚާބަކަށް ބަލާއިރު ވަރަށް ނާދިރު އަދި އެހާމެ ބޮޑު ތަރުހީބެއް ކަމަށެވެ. މިއިން ދައްކައިދެނީ ޕާޓީގެ ސަރުކާރާއި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނޫނިއްޔާ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އިންތިޚާބެއްގައި 2,000 އާއި 3,000 މީހުން ވާދައެއް ނުކުރާނެ. ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 85 އިންސައްތަ ވޯޓު ދިނުމަކީވެސް މިކަހަލަ އިންތިޚާބެއްގައި ނާދިރުކަމެއް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ކޮންގްރެސް ޕާޓީގެ ސަރުކާރުން ކުރަމުންގެންދާ ކަންތައްތައް ރައްޔިތުން ބަލައިގަންނަކަމާއި، ޕާޓީގެވެސް ރައީސް އަދި ޤައުމުގެވެސް ރައީސްގެ ސިޔާސަތަށް ރައްޔިތުންގެ މެދުގައި ތާއީދު އޮތް މިންވަރު،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބުގައި ވާދަކުރި އެންމެހައި ފަރާތްތަކުން ސުލްޙަވެރިކަމާއެކު ކަންކަން ނިންމާލުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިންކަން ފާހަގަކުރައްވައި، ޕާޓީގެ އެތެރޭގައި އޮތީ ސުލްޙަވެރި ފިކުރުކަން މި އިންތިޚާބުގެ ތެރެއިން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ