26 އޮކްޓޫބަރު 2025

މާޔޫސް ވަނީ ކީއްވެ ހެއްޔެވެ؟ މައްސަލައިގެ ޙައްލު އެބައޮތެވެ.

ދިރިއުޅުމުގައި އެކަނިވެރިކަން އިޙްސާސް ކުރެވޭ ހާލަތްތަކެއް ވެސް މެދުވެރިވެދާނެއެވެ. އެކި މީހުންނަށް ދިމާވާ ޙާލާތްތައް ތަފާތު ވާނެއެވެ. އެކަކަށް މެދުވެރިވާ ކަމަކީ އަނެކާއަށް މެދުވެރިވާ ކަމަކަށް ނުވެދާނެއެވެ. ތިބާއަށް ހެޔޮއެދޭ މީހުންނާއި، ތިބާގެ ގާތްތިމާގެ މީހުންނާއި، ތިބާގެ އެއްބަނޑު އެއްބަފާ މީހުންނާއި، ނުވަތަ ތިބާގެ މައިންބަފައިންނަށްވެސް ތިބާ ކުރަމުންދާ އިޙްސާސް ނޭނގި ހިނގައިދާނެއެވެ. ތިމާއަށް އިޙްސާސް ކުރެވޭ ކަމަކީ އެހެން އެއްވެސް މީހަކަށް ނޭނގޭ ކަމަކަށްވެސް ވެގެން ހިނގައިދާނެއެވެ.

ތިބާއަށް އިޙްސާސް ކުރެވޭ ކަމެއް ހާމަ ނުކުރެވޭ ހިސާބަކީ ވަރަށް ހިތްދަތި ޙާލަތެކެވެ. އަދި ގިނަ ބައެއްގެ ތެރޭގައި އުޅޭއިރު، ތިބާއަށް އިޙްސާސް ކުރެވެނީ މުޅިން އެކަނިވެރިކަން، ކަމަށް ވާނަމަ އެ ޙާލަތަކީ އެހާމެ ހިތްދަތި ޙާލަތެކެވެ.

ދިރިއުޅުމުގައި ކުރިއަށް ގޮސް އަމިއްލައަށް ސާބިތުވާންޖެހޭ މި ވާދަވެރި، ރަހުމުކުޑަ ރޭހުގައި، ތިބާގެ ހިތުގައި ޖަހަމުންދާ ވޭނީ ރަނގަބީލަށް ސަމާލުކަންދޭން ވަގުތާއި ހަކަތަ އެހެން މީހުންނަށް ލިބޭނެހެނެއް ހިޔެއް ނުވެއެވެ. ދިރިއުޅުން މަޑުޖައްސާލައި، ކުރިއަށް ދިއުމުގެ ދޮރުތައް ބަންދުވެފައިވާ މިދުނިޔޭގައި އަޅާލާނެ އެކަކުވެސް ހުރި ހެނެއް ހިޔެއް ނުވެއެެވެ. މިއީ ތިބާގެ ހިތުގައި ޖަހަމުންދާ ވޭނީ ރަނގަބީލުގެ އަޑެވެ.

ނޫނެކެވެ. ތިބާގެ ހިތުގައި ޖަހަމުންދާ ވޭނީ ރަނގަބީލުގެ އަޑު އަހާނެ ކޮންމެވެސް ފަރާތެއް ވާނެއެވެ.

ތިބާގެ ހިތުގައި ހިނގަމުންދާ އިދިކީލި ޚިޔާލުތަކާއި ފިކުރުތަކާއި ބަރުދާސްތު ކުރަމުންދާ ވޭންތަކުން އަރައިގަތުމަށް މިކާއިނާތުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވެ ދެންނެވުމަށް ތިބާގެ ވިސްނުން ގެންގުޅެން ހެއްޔެވެ؟ ތިބާއަށް އިޙްސާސް ކުރެވޭ ކަންތައްތަކާއި، ތިމާ ތަޙައްމަލުކުރަމުންދާ އުނދަގޫތަކާއި، ކެކުޅުންތައް ތިބާގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ދެނެވޮޑިގެންވާ ކަލަކު ނުވޭ ހެއްޔެވެ؟ އެއީ ތިބާގެ ވެރި ރަސްކަލާނގެއެވެ. ތިބާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ތިބާ އުފައްދަވައި ހުރި ކަމެއް ކާއިނާތުގައި ލެއްވި ވެރި އިލާހަށް ދެންނެވުމުގެ ޝައުޤު ތިބާގެ ކިބައިގައި ހުންނަންވާނެއެވެ. އެހެނީ، އެއީ ތިބާގެ ކެކުޅުންތައް މެދުވެރިވުމުގެ ކުރިންވެސް އެކަން މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ.

ތިބާގެ ވެރި އިލާހު ތިބާގެ އަޑު އައްސަވާ ވޮޑިގެންނެވުމަށް ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެއީ އަޅުތަކުންނަށް އޯގާވަންތަ އިލާހެވެ. އެކަލާނގެއީ އުޑުތަކާއި ބިމާއި އެދެމެދުގައިވާ ހުރިހާ ކަމެއްގެ ވެރި އިލާހެވެ. ކާއިނާތު ބަލަހައްޓަވައި ކަންކަން ރާއްވަވާ ހިންގަވާ ވެރި ރައްބެވެ.

އެކަލާނގެއަށް ކުއްތަންވާށެވެ. ހިތާމަތަކާއި ކެކުޅުންތައް އެކަލާނގެ ޙަޟްރަތުގައި ދަންނަވާށެވެ. ތިބާގެ ހިތުގައި ޖަހަމުންދާ ވޭނީ ރަނގަބީލުގެ އަޑާއި ތިބާގެ ޙާލަތު، އެކަލާނގެ މޮޅަށް ދެނެ ވޮޑިގެންވެއެވެ. އެކަލާނގެއީ ދުޢާ އިޖާބަ ކުރައްވާ ރަސްކަލާނގެއެވެ.

އެހެންކަމުން، ޤުރުއާނުގައިވާ އެކަލާނގެ ވަޙީ ބަސްފުޅުތަކާ މެދު ނަޒަރު ހިންގަމާ ހިނގާށެވެ. އުއްމީދުގެ ހުޅުކޮޅު ދިއްލޭނެއެވެ. މާޔޫސް ނުވާށެވެ.

"އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (އައް ރަޢްދް 28 ވަނަ އާޔަތުގެ މާނަ)

"އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝާކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲއަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ." ( ޔޫސުފް 86 ވަނަ އާޔަތުގެ މާނަ)

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (އަލް ބަޤަރާ 153 ވަނަ އާޔަތުގެ މާނަ)

"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުއާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާން ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." (އަލް ބަޤަރާ 186 ވަނަ އާޔަތުގެ މާނަ)

"މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟" (އަލް ޢަންކަބޫތު 2 ވަނަ އާޔަތުގެ މާނަ)

"އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (ލަޝްކަރު) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް އީމާންކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!" (އާލް އިމްރާން 173 ވަނަ އާޔަތުގެ މާނަ)

"ފަހެ، އަހުރެން ތިޔަބައިމީހުންނަށް މިބުނާ އެއްޗެއް ނިކަންހުރެ ތިޔަބައިމީހުން ހަނދާންކުރާނޫއެވެ. އަދި އަހުރެންގެ ހުރިހާ ކަމެއް ﷲއަށް އަހުރެން ވަކީލުކުރަމެވެ. ހަމަކަށަވަރުން، ﷲއީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްދުކާން 44 ވަނަ އާޔަތުގެ މާނަ)

"ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." (އަލް އިންޝިރާޙް 6 ވަނަ އާޔަތުގެ މާނަ)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު