މާތްވެގެންވާ އިސްލާމްދީން ވަނީ މަސްއޫލިއްޔަތު އަދާކުރުމުގެ ރޫޙު މުސްލިމުންގެ ކިބައިގައި އަށަގެންނެވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން އެންމެ މަތިވެރި އެއް މަސްއޫލިއްޔަތަކީ އިސްލާމްދީނުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމެވެ. އެއީ އެކަމަކުން ހުރިހާ ހެވެއް ނިކުމެގެން އަންނަ އާރެވެ.
ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. އަދި ކޮންމެ މީހަކީވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާމެދު ސުވާލު ކުރެވޭނެ މީހެކެވެ."
ދަރިންނަށް ދެވޭ ތަރުބިއްޔަތު ރަނގަޅު ނުވެއްޖެނަމަ، އެފަދަ ތަރުބިއްޔަތެއްގެ ދަށުން ނުކުންނަ ކުދިންގެ އެންމެ ބޮޑު މަޤްޞަދަކަށްވާނީ ހައިހޫނުކަން ފިލުވާލުމާއި އެދުންތަކާއި ލައްޒަތުތަކުގެ ފަހަތުން ދިޔުމެވެ. ހިތް އެދޭ ކަންކަމުގައި ވަގުތު ހޭދަކުުރުމަށް ޝައުޤުވެރިވުމެވެ. މަޖަލާއި އުފަލަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައި ދެކުމެވެ.
ދުނިޔޭގައި އިންސާނާ ލައްވާފައިވަނީ އެންމެ މާތް މަޚްލޫޤުންގެ ގޮތުގައެވެ. ތަރުބިއްޔަތުގައި އެންމެ ބޮޑަށް އަސަރުކުރާ އެކައްޗަކީ އިންސާނާގެ ހިތެވެ. ފަހެ، ހިތް ރަނގަޅުވެއްޖެނަމަ މީހާގެ މުޅި ހަށިގަނޑު ރަނގަޅުވެއެވެ. އަދި ހިތް ނުބައިވެއްޖެނަމަ މުޅި ހަށިގަނޑު ނުބައިވެއެވެ.
ލޯތްބަކީ މާތް ނަބިއްޔާގެ ހިދާޔަތުގެ މައިގަނޑު އެއް އަޞްލުކަމާމެދު ޝައްކެއް ނެތެވެ. އެއީ ރޫޙުގެ ބަސްމޮށުމެވެ. އަދި އެއީ ތަރުބިއްޔަތުކުރުމާއި އިޞްލާޙުކުރުމުގައި އެއް ހިތުން އަނެއް ހިތަށް ފޮނުވާ މެސެޖެވެ. މާތް ﷲ ވަނީ މައިންބަފައިންގެ ހިތުގައި، އެބައިމީހުން ބަލާބޮޑުކުރާ ކުދިންނަށްޓަކައި، ލޯބި ލައްވާފައެވެ. ނަބިއްޔާގެ ޙަދީސް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފަހެ، ހަމަކަށަވަރުން (އެހެން މީހުންނަށް) ރަޙުމު ނުކުރާ މީހަކަށް، ރަޙުމެއް ނުލިބޭނެއެވެ."
ކީރިތި ރަސޫލާ ކުޑަކުދިންނާއެކު މަޖާކުރައްވާ، އެކުދިންގެ ކަންކަމުގައި އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މުއާމަލާތްކުރެއްވިއެވެ. އެކަލޭގެފާނުގެ ތަރުބިއްޔަތުގެ ކިއްލާ ވަރުގަދަކުރެއްވި ހަމަތައް އަހަރެމެންގެ ހިތްތަކުގައި ބިންވަޅު ނެގުމަކީ މުހިއްމު ކަމެކެވެ. ލޯތްބާއެކު ތަރުބިއްޔަތުކުރުމުގައި، އެންމެ ބޮޑަށް އަސަރުކުރާކަމަކީ އެކުދިންނަށް ހިދާޔަތު ދައްކަވާ، ތައުފީޤުދެއްވާ، އިޞްލާޙުކޮށްދެއްވާ އަދި ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުން މަތީ ދެމިހުރުމެވެ. ފަހެ، ރަޙްމާނުވަންތަ އިލާހުގެ އަޅުން ދަންނަވައެވެ. الفرقان ސޫރަތުގެ 74 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އަޅަމެންގެ ވެރިރައްބެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ!"
ރިވެތިވެގެންވާ ނަމޫނާއަކީ ތަރުބިއްޔަތުގެ މައިގަނޑު އަސާސެވެ. އެއީ އިސްލާޙުގެ މަގަށް ދިރުން ގެނެސްދޭ ނޫރެވެ. ރިވެތި ނަމޫނާ ދެއްކުމަކީ ހަމައެކަނި އަނގަބަހުން ބުނާ ބުނުމަކަށްވުރެ، މާ ބޮޑަށް އަސަރުކުރާކަމެކެވެ. ތަރުބިއްޔަތުގެ މަދަރުސާގައި ނުރުހޭ ގޮތްގޮތަށް ދަރިންނާ މުޢާމަލާތު ކުރުމަށްވުރެ، ނަމޫނާ ދެއްކުމަކީ ލޯތްބާއެކު ތަރުބިއްޔަތު ދިނުމަށް ފުރާނަ އެޅިގެން ދާނެ ކަމެކެވެ. ގުޅެންވީ ހިތާއެވެ. ހިތާ ގުޅުވައިދޭނެ ރޫޙަކީ ނަމޫނާއެވެ.
ނުރަނގަޅު ކަމެއް ކުރެވުމުން ނުވަތަ ފާފައަކަށް އަރައިގަނެވުމުން، އެފަދަ ހިނދެއްގައިވެސް ލޯތްބާއި އޯގާތެރިކަން ފިލައިނުދާކަމީ ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތުން ފެންނަން އޮތްކަމެކެވެ. ނަބިއްޔާގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ﷲއީ އޯގާވަންތަ އިލާހެވެ. އެއިލާހު އޯގާތެރިކަމަށް ލޯބިވެވޮޑިގެންވެއެވެ. އަދި ހަރުކަށިކަމަށާއި އަދި އެހެން އެއްވެސް ކަމަކަށްވެސް ނުދެއްވާ ފަދައިން އޯގާތެރިކަމަށް ދެއްވައެވެ." އެހެންވެ، އިސްކުރަންވީ އޯގާތެރިކަމެވެ. ފަތުރަންވީ ލޯތްބެއެވެ.
ލޯތްބާއެކު ތަރުބިއްޔަތުކުރުމާއި އިޙްސާސްތައް ދެނެގަތުމާއި ޝުޢޫރުތަކަށް ރިޢާއަތްކުރުމަކީ ހިދާޔަތެވެ. ކުދިންގެ ހިތްތައް ހުޅުވިފައިވާ ވަގުތުތައް ބޭކާރުކޮށްނުލާ، އެކުދިންގެ ވިސްނުމާއި ކުޅަދާނަކަމަށް ރިޢާޔަތްކޮށް އެހިތްތަކުގައި އަގުހުރި މުޑުވައް އިންދާށެވެ. އެކުދިންގެ އިޙްސާސްތަކާއި ބޭނުންތަކަށް ރިޢާޔަތްކުރާށެވެ. އެކުދީންނަށް ކުޅަދަނާވެގެންވާ މިންވަރަށް ކަންކަން ކުރަން ބާރުއެޅުމަކީ، ތަރުބިއްޔަތުގެ ގޮވަތީގައި ޤާއިމުކުރެވޭނެ އަމާންކަމެކެވެ. އުޖާލާ ކަމެކެވެ. މަޖުބޫރުކުރުމާއި ހަރުކަށިކަމަކީ ކުދިންގެ ހިތްތަކުގައި ނަފުރަތުގެ ހުޅުގަނޑު ރޯވާން މެދުވެރިވާ ސަބަބެކެވެ. މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީ، ލޯތްބާއެކު ތަރުބިއްޔަތު ކުރުމަށް އެކުވެރިކަމާއެކު ގުޅިގެން އުޅެވޭނެ ޢާއިލީ މާހައުލެއް ބޭނުންވެއެވެ. އެތަނުގައި އުފާވެރިކަމުގެ ރޫޙުވެއެވެ. އަދި އެތަނުގައި އިސްލާމީ ހަމަތަކުގެ މަތީން އުފާ ޙާޞިލުކުރެވޭނެއެވެ. ކުލުނާއި ލޯބީ އިޙްސާސްކުރެވޭނެއެވެ.
ހަމައެހެންމެ، ދަރިންދެކެ ލޯބިވުމުގައި ޢަދުލުވެރިވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ވަކި ކުއްޖެއް ޚާއްޞަކުރުމެއް ނެތި ހުރިހާ ކުދިންގެ މައްޗަށް ލޯބީގެ ހިޔާ އެޅެންވާނެއެވެ. ފަރަޤުކުރުމުގެ މޫ ޢާއިލާގެ ތެރޭގައި ލާން ފަށައިފިނަމަ، ދަރިންގެ ހިތްތަކުގައިސް ފެތުރިގެން ދާނީ އެ ވިހަގަދަ މޫތަކުގެ ނުރައްކާތެރި ވިހައެވެ. އެހެނީ، ހަމަހަމަކަމާއެކު ދަރީންގެ މެދުގައި ކަންތައްކުރަން އިސްކަންދިނުމަކީ ގުޅިލާމެހިފައިވާ ޢާއިލާއެއް ބިނާކުރުމަށް އެހީތެރިވެދޭނެ އެންމެ ފުޅާ މަންހަޖެވެ. ނަފުރަތާއި ރުޅިވެރިކަމުގެ ގިތި އަސަރު ޢާއިލާގެ ތެރެއިން ނެތިދާނީ، ވިސްނުމާއި ފިކުރުގައިވެސް އިންސާފައި ހަމަހަމަކަމުގެ އަސަރުން އާރޯކަން ގެނެސްގެންނެވެ.
ލޯތްބާއެކު ތަރުބިއްޔަތު ކުރުން ނަފީކުރާ ބައެއް ކަންކަންވެއެވެ. އެއީ އެކުދިން ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދިނުމާއި، އަދަބުވެރިކުރުމަށް އިހުމާލުވުމާއި، އެކުދިންކުރާ ކުށްތައް އިޞްލާޙު ނުކުރުމެވެ. ނަމަވެސް، މިމަންހަޖުގެ އާރުން ދަރިން ތަރުބިއްޔަތުކުރާއިރު، ބައެއްފަހަރު މައިންބަފައިން ކަންކަމުގައި ދޫނުދިނުމަކީވެސް ލޯތްބާއެކު ތަރުބިއްޔަތު ކުރުމުގެ ތެރެއިންވާ ކަމެކެވެ. އަދި ކުދިންގެ ކުރިމަތީގައި އެކުދިންގެ މަންމައަށް ނުބައިކޮށް ހިތުމަކީ އެކުދިންގެ ކިބައިގާހުންނަ ލޯތްބާއި ކުލުނުގެ ސިފަ ނެތިކޮށްލާކަމެކެވެ.
މިއީ ބަވަނަ ވެފައިވާ ދުނިޔެއެވެ. އަދުގެ ދުނިޔޭގައި ފާޅުވެފައިވާ ވަސީލަތްތައް މިވަނީ ވަރަށް ކުރިއަރާފައެވެ. ސައިންސާއި ޓެކްނޮލޮޖީ މިވަނީ ކުރިއަރާފައިވާ ޒަމާނެކެވެ. އެކަންކަމުގެ ތެރެއިން އީޖާދުކޮށްފައިވާ ވަސީލަތްތަކަށް ދަރީން ދަނީ ދެވި ހިފަމުންނެވެ. މީސްތަކުންގެ ވިސްނުމާއި ފިކުރާއި ސުލޫކަށް އޭގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އާދެއެވެ. އަދި ތަރުބިއްޔަތުކުރުމުގައި ޢާއިލާއިން އަދާކުރަމުން އައި ދައުރާ މިއަދު އެވަސީލަތްތައް އެދަނީ ވާދަކުރަމުންނެވެ. އެހެންވެ، ދަރިންނާ އޮންނަ ގާތް ގުޅުމުގެ ތެރެއިން އެކުދިންގެ ކަންކަން ގާތުން ބެލުމަށް އިންތިޒާމުތައް ހަމަޖެއްސުމަށް ޒަމާނީ ގޮތްތައް ގޭތެރޭގެ މާހައުލުގައި ޤާއިމުކުރުމުގެ މުހިއްމުކަން ބޮޑެވެ.
މިކަމުން ރަމްޒުކޮށްދެނީ ހަމަ އެންމެ ކަމެކެވެ. ކުދިންނަށް ލޯބިދީގެން އަދި ގާތްކޮށްގެން ތަރުބިއްޔަތުކުރުމުގެ އަހައްމިއްޔަތު ކަން ބޮޑުވެފައިވާ މިންވަރެވެ. އިތުބާރު އުފެއްދޭނީ ލޯބި ދީގެންނެވެ. މިއަދު މިވަނީ އިތުބާރު އުފެއްދުމަށް ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރާންޖެހިފައެވެ. އަދި އެކުދީންގެ އުންމީދުތަކާއި ވޭނާ އަދި ކަންބޮޑުވާ ކަންކަމަށް ސަމާލުކަންދޭން ޖެހިފައެވެ. އަންނަ ބަދަލުތަކާއެކު، މި ހުރިހާ ކަމެއްގެ އެމުނި ގެތެމުންދާއިރު، ހިތްތައް ގިރިޓީ ކުރަންވީ ލޯބީގެ އެކަތައާއި ފަންވަރުންނެވެ.



