26 އޮކްޓޫބަރު 2025

ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ދިމާވާ ގޮންޖެހުންތަކެއްވޭ؛ މިކަމުން އަންގައިދެނީ ކޮން ކަމެއް؟

ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މި ގޮންޖެހުންތަކަކީ އުމުރުފުރައާއި، ދިރިއުޅުމުގެ ހާލަތާއި، އަދި އިޖްތިމާޢީ މަޤާމާ ގުޅިފައިވާ ކަންކަމެވެ.

މިސާލަކަށް، ހަ މަހުގެ ތުއްތުކުއްޖަކަށް އޭނާގެ ކުޅޭ ތަކެތި ގެއްލުމަކީ ވަރަށް ބޮޑު ހިތާމައެކެވެ. އެހެނީ އެ ތުއްތުކުއްޖާ އެންމެ ލޯބިކުރަނީ އެތަކެއްޗަށް ކަމަށް ވާތީއެވެ.

ހަ އަހަރުގެ ކުއްޖަކަށް ބަލާއިރު، އޭނާ ކުޅޭ ގޭމުގައި ބަލިވުމަކީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. އެއީ އޭނާ އެންމެ ޝަޢުޤުވެރިވަނީ އެ ގޭމުން ކާމިޔުާބު ހޯދުމަށް ކަމަށް ވާތީއެވެ.

ހަމަ އެފަދައިން، ފުރާވަރުގެ ޒުވާނަކަށް އަގުބޮޑު އަސް ރޭހެއްގައި ބަލިވުމަކީވެސް ވަރަށް ބޮޑު ހިތާމައެކެވެ. އެހެނީ، އޭނާގެ އެންމެ ބޮޑު އުއްމީދަކީ އެ ރޭހުން ކާމިޔާބު ހޯދުމެވެ.

ދެމަފިރިންނަށް ބަލާއިރު، އެމީހުންގެ ދިރިއުޅުން ކިތަންމެ ފުދުންތެރި ކަމުގައިވިޔަސް، ބައެއްފަހަރު ކުދިކުދި ކަންކަމުގައި ހިތްހަމަނުޖެހުން އުފެދެއެވެ. މައްސަލަ ނުޖެހި އުފަލުގައި އުޅެން ކިތަންމެ ބޭނުންވި ކަމުގައިވިޔަސް މެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ.

ހަމަ އެހެންމެ، ކިތަންމެ މުއްސަނދި މީހަކަށްވެސް ބަލިވެ، ޞިއްޙަތު ގޯސްވުމުން، އޭނާގެ މުދަލުން އޭނާއަށް އިތުރު އުމުރެއް ނުގަނެވޭނެކަން ވިސްނައިދެއެވެ.

އެންމެ ފަހު މިސާލަކަށް، ރަސްކަލަކަށް ބަލާލަމާ ހިންގަވާށެވެ. އެތައް މިލިއަން ރައްޔިތުންނާއި، އެތައް ހާސް ޑޮކްޓަރުންނާއި، ބިލިއަނުން ގުނާލެވޭ އަގުހުރި މުދަލާއި ޚަޒާނާތައް ހުރި ނަމަވެސް، މަރުވަމުންދާއިރު އިތުރު އެންމެ ދުވަހެއްވެސް ގަތުމަށް ނުކުޅެދެއެވެ. މިއީ ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީކަން ދައްކުވައިދޭ ރަނގަޅު މިސާލެކެވެ.

މިއިން ކޮންމެ ކަމަކުންވެސް އަންގައިދެނީ، މި ދުނިޔޭގައި އުޅޭއިރު، ތިމާ ލޯބި ކުރާ ކަންކަމަކީ ވަގުތީ ކަންކަން ކަމެވެ.

ދިރިއުޅުމުގެ ހަޤީޤަތަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ހާލަތާ ގުޅޭ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެވެ. އަދި މި ގޮންޖެހުންތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެނީ މުހިންމު ފިލާވަޅުތަކެކެވެ. އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް ހަމްދަރުދީވެ، ޝުކުރުވެރިވާން ދަސްކުރަންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު