26 އޮކްޓޫބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޔުނިވަރސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޔުނިވަރސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޔުނިވަރސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޔުނިވަރސިޓީ އޮފް ލީޑްސްއިން މަރުޙަބާ ވިދާޅުވީ، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު އެލެސް ސޯބްލްއާއި ޔުނިވަރސިޓީގެ ހެޑް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ ޕްރޮފެސަރ ހެއި ސުވެއިޔޫއެވެ. އެގޮތުން މި ޒިޔާރަތުގައި ވަނީ ޔުނިވަރސިޓީ އޮފް ލީޑްސްގައި ހުރި ތަޢުލީމީ ދާއިރާއާއި މަތީ ތަޢުލީމުގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޔުނިވަރސިޓީ އޮފް ލީޑްސްގެ އިސް ދަރިވަރެކެވެ. މިގޮތުން އެމަނިކުފާނު ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ނެންގެވީ 2009 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ލީޑްސްއިންނެވެ.

ޔުނިވަރސިޓީ އޮފް ލީޑްސްއަކީ 1904 ވަނަ އަހަރު އުފައްދާފައިވާ އިނިގިރޭސިވިލާތުގެ އެންމެ މަތީފެންވަރުގެ ޔުނިވަރސިޓީއެކެވެ. އަދި ޔުނިވަރސިޓީ އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިރާސާކުރުމުގެ ދާއިރާއިން ޔުނިވަރސިޓީން ހޯދަމުންދާ ކުރިއެރުންތަކަށެވެ.

މިދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިނިގރޭސިވިލާތަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)އާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު