މިހާރުގެ ސްޕެއިން އަދި ޕޯޗުގަލް ހިމެނޭ ސަރަހައްދު ކަމުގައިވާ އަލްއަންދަލުސްއަކީ އޭރުގެ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ޙަޟާރާތެވެ. މުސްލިމުން ބިނާކުރި މި ޙަޟާރާތުގައި 781 އަހަރު ވަންދެން އިސްލާމީ ވެރިކަމެއް އޮތް ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުސްލިމުންނަށް މުޅި އަންދަލުސް ގެއްލިގެން ދިޔައެވެ.
މީލާދީން 700 ގެ އަހަރުތަކުގެ ކުރީކޮޅުގައި ޠާރިޤް ބިން ޒިޔާދުގެ އިސްނެންގެވުމުގެ ދަށުން 2000 މީހުންގެ ލަޝްކަރެއް އައިބީރިއަން ޕެނިންސިއުލަރއަށް ފޮނުވައި، މިހާރުގެ ގެބްރަލްޓަރ މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުނެވެ. އޭގެ ފަހުން އުތުރަށް ދަތުރުކޮށް ޣަރްނާޠާ އަދި ޤުރުޠުބާ ފަތަޙަކޮށް، އަންދަލުސްގެ ދައުލަތް ވަރުގަދަކުރެވުނެވެ.
އަންދަލުސްގައި މުސްލިމުން ބިނާކުރި ވަރުގަދަ ޙަޟާރާތަކީ ޖަހާލަތުގެ އަނދިރީގައި ތިބި ޔޫރަޕަށް ޢިލްމާއި ހުނަރާއި ފަންނުވެރިކަން ވައްދައިދިން މައި މަރުކަޒެވެ. ބޭސްވެރިކަމާއި ޢިމާރާތްކުރުމުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ފަތުއަޑުކިޔާފައި ކުރިއަރައި ދިޔައެވެ. ދުނިޔެއަށް ސިހުން ގެނުވިއެވެ.
ނަމަވެސް، 13 ވަނަ ޤަރުނު ފެށުނު އިރު އިސްލާމީ ދައުލަތެއްގެ އަސަރު އޮތީ ހަމައެކަނި ޣަރްނާޠާގައެވެ. ދާޚިލީ ހަމަނުޖެހުންތަކާއި ވަކިވަކި ކުދި ދައުލަތްތަކަށް ބެހިގެން ދިއުމުގެ ސަބަބުން މުސްލިމުންގެ ބާރު ކެނޑި، އެންމެ ފަހުން މުޅި 'މުސްލިމް ސްޕެއިން' އިސްލާމުންނަށް ގެއްލިގެން ދިޔައެވެ.
އިތުރުކުުރިއެރުމާއި ތަމައްދުން ހޯދައި، ޤައުމު އާރާސްތުކުރުމުގެ ނަމުގައި އަންދަލުސް ނަޞާރާއިންނާ ހަވާލުކުރުމާ ގުޅިގެން، މުސްލިމުންނަށް ލިބުނު އަނިޔާތައް އިންތިހާއަށް ގޮސް، ގިނަ މުސްލިމުން މަޖުބޫރުން ނަޞާރާ ދީނަށް ވަދެ ނުވަތަ ޤައުމު ދޫކޮށް ދާން ޖެހުނެވެ. މިއީ އިސްލާމީ ތާރީޚުގައި މިއަދާ ހަމައަށްވެސް ކަރުނައިގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ ހިތާމަވެރި ހާދިސާއެކެވެ.
އަންދަލުސް ގެއްލިގެން ދިޔައީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ މުސްލިމުންގެ މެދުގައި އުފެދުނު ބައިބައިވުމާއި، އިސްލާމްދީނުގެ އަސްލުތަކާ ދުރަށް ދިއުމެވެ.
އިބުރަތްތެރި ފިލާވަޅުތައް:
- ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން
- އިސްލާމީ އަޤީދާ ވަރުގަދަކޮށް ހިފެހެއްޓުމުގެ މުހިންމުކަން
- ބޭރުގެ ނުފޫޒުތަކުން ރައްކާތެރިވުމުގެ މުހިންމުކަން
- ޤައުމީ މަސްލަހަތު އަމިއްލަ މަސްލަހަތުގެ މައްޗަށް އިސްކުރުމުގެ މުހިންމުކަން
އަންދަލުސްގެ ހިތާމަވެރި ނިމުމަކީ އަޅުގަނޑުމެން ދިވެހީންނަށްވެސް ދަސްކޮށްދޭ މުހިންމު ފިލާވަޅެކެވެ. އެހެންކަމުން، މިއަދު ދިވެހިންގެ މައްޗަށް ލާޒިމްވެގެންވަނީ އަންދަލުސްގެ ތާރީޚުން އިބުރަތް ހާސިލުކޮށް، ޤައުމީ އެއްބައިވަންތަކަމާއި އިސްލާމީ އަޤީދާ ވަރުގަދަކޮށް، ޤައުމު ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ.
"ތާރީޚުން އިބުރަތް ނުލިބޭ ބަޔަކަށް ތާރީޚު ތަކުރާރުވާނެކަން ކަށަވަރެވެ."



