18 އޮކްޓޫބަރު 2025
މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދާފައިވާ މައްސަލައެއްގައި ދެމީހަކު ހައްޔަރުކުރުން، ފޮޓޯ: ފުލުހުން

މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދާފައިވާ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

ބަޔަކު މީހުން ވެގެން މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން އެމީހާއަށް ބިރުދައްކައިގެން ފައިސާތަކެއް ހޯދާފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ދުވަހުގެރޭގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި، އޭނާގެ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރަށް ފައިސާ ހޯދަން އުޅޭ މައްސަލައާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 4 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. މިމައްސަލައާ ގުޅިގެން އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަހުމީން ރަޝީދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އަދި މުޙައްމަދު ޟަމީރުއަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު