ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،790 މީހުން ރަޖިސްޓްރީ ކޮށްފައިވާކަން އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި 6،193 އަންހެނުންނާއި 8،597 ފިރިހެނުން ހިމެނެއެވެ. އަދި 18 އަހަރުން ދަށުގެ 4،950 ކުދިން ހިމެނޭއިރު، އޭގެ ތެރޭގައި 1،490 އަންހެން ކުދިންނާއި 3،469 ފިރިހެން ކުދިން ހިމެނެއެވެ.
18 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާގައި ޖުމްލަ 7،526 މީހުން ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި 3،648 އަންހެނުންނާއި 3،878 ފިރިހެނުން ހިމެނެއެވެ. އަދި 65 އަހަރުން މަތީގެ 2،305 މީހުން ވަނީ ދަފްތަރުގައި ރަޖިސްޓްރީވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލައި، އެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.
މި ދަފްތަރަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ޚިދުމަތްތައް ރޭވުމަށާއި، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.