16 އޮކްޓޫބަރު 2025
ރައީސް އަޙްމަދު އަލް-ޝަރާޢު، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ މޮސްކޯގައި ބައްދަލުކުރުން، ފޮޓޯ: ރޮއިޓަރސް

"ސީރިއާއިން މީގެ ކުރިން ރަޝިޔާއާއެކު ހަދާފައިވާ އެއްބަސްވުންތަކަށް އިޙްތިރާމްކުރާނެ"

ސޫރިޔާގައި ވެރިކަންކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢު، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ މޮސްކޯގައި ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި ޝަރާޢު ވަނީ، ރަޝިޔާއިން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުންތަކަށް އިޙްތިރާމްކުރާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

އެޗްޓީއެސްއިން އަސަދުގެ ވެރިކަން ވައްޓާލީ 2024 ވަނަ އަހަރުގެ ޑިސެންބަރު 8 ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އަރައިގަތުމާ ގުޅިގެން، އަސަދު ވަނީ ރަޝިޔާއަށް ފިއްލަވައި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ.

"ރަޝިޔާއާއި އަޅުގަނޑުމެންގެ މަސްލަޙަތު ގުޅިފައިވާ ކަންކަމާއި ދޭދޭ ގުޅުންތައް އޮވޭ، އެ ކަންކަމާ ގުޅޭ އެއްބަސްވުންތަކަށް އަޅުގަނޑުމެން އިޙްތިރާމް ކުރާނަން. އަދި، ރަޝިޔާއާ އެކު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" ޕުޓިންއާ ބައްދަލުކުރުމަށްފަހު ޝަރާޢު މިފަދައިން ބުންޏެވެ.

ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އަލެކްސާންދްރަ ނަވާކް ވިދާޅުވެފައިވަނީ ސޫރިޔާއާއެކު ތެލާއި ހަކަތައިގެ ދާއިރާއިން ގުޅިގެން މަޝްރޫޢުތަކެއް ހިންގުމަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމަށެވެ. މީގެ އިތުރުން، ސޫރިޔާގެ އަހުލީ ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ޢުމްރާނީ ވަސީލަތްތައް އަލުން އާރާސްތުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ސޫރިޔާގައި ރަޝިޔާގެ ދެ އަސްކަރީ މަރުކަޒު ހުރެއެވެ. އެއީ އަލް-ލާޒިޤީއްޔާގައި ހުރި ޙަމީމީމް އަސްކަރީ ވައިގެ ބަނދަރާއި، ޠަރްޠޫސްގައި ހުރި ކަނޑުގެ ސިފައިންގެ މަރުކަޒެވެ. މި މަރުކަޒުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްޓީއެސްގެ ސަރުކާރުން އެއްބަސްވެފައިވާކަން މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު