16 އޮކްޓޫބަރު 2025

އިންޑިއާއަށް ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލަން މޯދީ އެއްބަސްވެއްޖެ: ޓްރަމްޕް

ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ރަޝިއާއަށް އިގްތިސާދީ ފިއްތުންތަކެއް ކުރިމަތިކުރުމުގެ ގޮތުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ރަޝިއާއަށް އިގްތިސާދީ ފިއްތުންތަކެއް ކުރިމަތިކުރުމުގެ ގޮތުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "ކުރު މުއްދަތެއްގެ ތެރޭގައި" އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލާނެ ކަމުގެ ޔަގީންކަން މޯދީ ދެއްވާފައިވާ ކަމަށެވެ. އަދި މިއީ "ވަރަށް މުހިންމު ފިޔަވަޅެއް" ކަމުގައި ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުގެ ތަރުޖަމާނެއް ވިދާޅުވެފައިވަނީ، އެމެރިކާ ސަރުކާރާއެކު މަޝްވަރާތައް "ކުރިއަށްދާ" ކަމަށާއި، އެމެރިކާއިން އިންޑިއާއާއެކު ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"ހަކަތައިގެ ދާއިރާގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި އިންޑިއާގެ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރުމަކީ އަޅުގަނޑުމެންގެ އަބަދުވެސް އިސްކަންދޭ ކަމެއް. އަޅުގަނޑުމެންގެ އިމްޕޯޓް ސިޔާސަތުތައް ބިނާވެފައި ވަނީ މުޅިން މި މަގުސަދުގެ މައްޗަށް،" އިންޑިއާ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޓްރަމްޕް އިދާރާއިން އިންޑިއާގެ މައްޗަށް 50 ޕަސެންޓުގެ ޓެރިފްތަކެއް ތަންފީޒުކޮށްފައިވެއެވެ. މި ޓެރިފްތަކަކީ ރަޝިއާއިން ތެޔޮ އަދި ހަތިޔާރު ގަތުމުގެ ސަބަބުން އިންޑިއާއަށް ދޭ އަދަބެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވައެވެ.

އިންޑިއާއަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމެވެ. އަދި އެ ގައުމުގެ އިގްތިސާދު ދެމެހެއްޓުމަށް ރަޝިއާގެ ތެލަށް ބަރޯސާވެފައިވާ ކަމަށް އިންޑިއާގެ އިސް ވެރިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު