18 އޮކްޓޫބަރު 2025

ޔަހޫދީން ހިންގާ ގޭންގުތައް ހުއްޓުވަންޏާ ޙަމާސް ނައްތައިލާނަން: ޓްރަމްޕް

ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންނަށް ވާގިވެރިވާ ފަރާތްތަކާއި ހަތިޔާރުއެޅި ގޭންގުތަކުގެ މެންބަރުން ހޯދުމަށް ޙަމާސް ޖަމާޢަތުން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާނުލައިފިނަމަ، ޣައްޒާ ޤަތުލުޢާންމު އަލުން ފަށައި ޙަމާސް ނައްތާލުމަށް ތާއީދުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދީފިއެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެ އަހަރު ދުވަހު ހިންގި ޤަތުލުޢާންމު ނިމުމަކަށް އައީ އޮކްޓޯބަރު 9 ވަނަ ދުވަހު ޙަމާސްއާއި ޔަހޫދީންނާ ދެމެދު ވެވުނު އެއްބަސްވުމަކާ ގުޅިގެންނެވެ. މި އެއްބަސްވުން ވިލަރެސްކުރުމުގައި ޓްރަމްޕްގެ އިތުރުން ޤަޠަރު، މިޞްރު އަދި އެހެނިހެން ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

"ޙަމާސުން އެއްބަސްވުމާ ޚިލާފަށް މީހުން މަރަމުންދާ ނަމަ، އެ ތަނަށް [ޣައްޒާއަށް] އަރައި ޙަމާސްގެ މެންބަރުން މެރުން ނޫން އިތުރު ގޮތެއް އަޅުގަނޑުމެންނަކަށް ނޯންނާނެ،" މީސްމީޑިޔާގައި ޓްރަމްޕް ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ބުނެފައިވަނީ އެމެރިކާގެ ސިފައިން ޣައްޒާގެ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިނުވާނެ ކަމަށެވެ. އަދި ޣައްޒާ ސަރަޙައްދުގައި ޙަމާސްގެ މެންބަރުންނާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ޤާބިލުކަން ހުރި ބާރުގަދަ ލަޝްކަރެއް ތިބި ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޙަމާސުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން ހޯދައި ހައްޔަރުކުރަމުން ދަނީ ޣައްޒާއަށް އެތެރެކުރެވޭ ކާބޯތަކެތީގެ ލޮރީތަކަށް ޙަމަލާދީ، ކާބޯތަކެތި ލޫޓުވާލުމުގައި ބައިވެރިވި ގޭންގު މެންބަރުންނެވެ. އަދި ޔަހޫދީންނަށް ވާގިވެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވެފައިވާ ބައެއް މީހުންނަށް މަރުގެ އަދަބު ވެސް ދީފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު