ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ އެއް ހަމަކޮށް، ކުޅުންތެރިންނާއި އޮފިޝަލުންނަށް 7000 ރުފިޔާގެ މުސާރައެއް ދިނުމަށް ނިންމައިފިއެވެ. މީގެކުރިން ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި، ދެމުން ގޮސްފައިވަނީ 5000 ރުފިޔާގެ މުސާރައެކެވެ. އަދި އޮފިޝަލުންނަށް ދެމުންގޮސްފައިވަނީ މަހަކު 2500 ރުފިޔާއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ކުޅިވަރުގެ ދާއިރާއަށް ގިނަ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި އެތުލީޓުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެއްހަމައެއްގައި މިހާރަށްވުރެ ބޮޑު މުސާރައެއް ދެއްވުން ހިމެނެއެވެ.
މިކަމާ ގުޅިގެން ކުޅިވަރު ވުޒާރާއިން ވަނީ އެސޯސިއޭޝަންތަކަށް ސަރކިއުލާއެއް ފޮނުވައި، 15 ސެޕްޓެމްބަރުން ފެށިގެން އެކުލަވާލާ މުސާރަ ޝީޓުގައި އެތުލީޓުންނާއި އޮފިޝަލުން އެއްހަމަކޮށް 7000 ރުފިޔާ ދިނުމަށް ނިންމި ކަމަށް އަންގަވާފައެވެ.

މީގެއިތުރުން، މިދިޔަ މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް ކުޅުންތެރިންނާއި އޮފިޝަލުންނާއި ޕެރަ އެތުލީޓުންގެ އެލަވަންސަށް ބޮޑުވެފައިވާ އަދަދު ޖަމާކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ކުޅިވަރު ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.
