18 އޮކްޓޫބަރު 2025
ކިންގް ސަލްމާން ގޭޓް މަޝްރޫއުގެ ތަސައްވުރެއް. ފޮޓޯ:ރުއުޔާ އަލް ހަރަމް އަލްމައްކީ

މައްކާގެ ހަރަމްފުޅުގެ ޖާގަ ތަނަވަސްކުރަން ބިޔަ މަޝްރޫޢެއް؛ ޙަރަމްފުޅުގެ އިންވެގެން ތަނަވަސް ބިނާތަކެއް އަޅަނީ

މައްކާގެ ހަރަމްފުޅާ އިންވެގެން، ހައްޖާޖީން ތިބުމަށް ތަނަވަސް ބިނާތަކެއް އެޅުމުގެ މަޝްރޫއެއް ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފިއެވެ. "ކިންގް ސަލްމާން ގޭޓް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ސައުދީ ސަރުކާރުގެ "ޕިލިގްރިމް އެކްސްޕީރިއެންސް ޕްރޮގްރާމް" ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން އަޅާ އިމާރާތްތަކުގެ ޖުމްލަ ފްލޯ އޭރިއާގައި 12 މިލިއަން އަކަމީޓަރު ހުންނާނެއެވެ. މި މަޝްރޫއު އިއުލާނު ކުރެއްވީ ސައުދީ އަރަބިއްޔާގެ ޑީފެކްޓޯ ލީޑަރު އަމީރު މުހައްމަދު ބިން ސަލްމާން އާލް ސުއޫދެވެ.

މި މަޝްރޫއުގެ ދަށުން އަޅާ އިމާރާތްތަކުގައި ހައްޖާޖީންނަށް ނިދައި، ކައިބޮއި އުޅެވޭނެ ތަންތަނާއި، އެތެރޭގައި އަދި ބޭރުގައި ނަމާދުކުރެވޭނެ ބޮޑެތި ސަރަހައްދުތައް ހިމެނޭނެއެވެ. އެސްޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ނަމާދުކުރުމަށް ޚާއްސަކުރެވޭ ސަރަހައްދުތަކުގައި އެއްފަހަރާ 900,000 މީހުންނަށް ނަމާދުކުރެވޭނެއެވެ.

މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އިމާރާތްތައް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވުނު ނަމަވެސް، މައްކާގެ ޤަދީމީ ތަރިކައިގެ ސިފަތައް ނުގެއްލޭ ގޮތަށް ފަރުމާކުރެވިފައިވުމެވެ. އަދި މި ސަރަހައްދަށް އާންމު ދަތުރުފަތުރުގެ ނިޒާމުން ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ރޭވިފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ސައުދީ އަރަބިއްޔާގެ 2030 ގެ ތަރައްޤީގެ ތަސައްވުރުގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން 300,000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެސްޕީއޭއިން ލަފާކުރެއެވެ. މިއީ ސައުދީ އަރަބިއްޔާގެ އިޤްތިޞާދަށް ވެސް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު