ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ޚާއްޞަ "ހުޝިޔާރު" ވެބްސައިޓެއް ތަޢާރަފުކޮށްފިއެވެ.
މި ވެބްސައިޓް ރަސްމީކޮށް ތަޢާރަފުކޮށްފައިވަނީ 13 އޮކްޓޯބަރ 2025 ގައި ފާހަގަކުރި ބައިނަލްއަޤްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާ ގުޅިގެން އެންޑީއެމްއޭއިން އިސްނަގައިގެން ބޭއްވި "ވިލުންތެރި ފެސްޓު" ގައެވެ. އެންޑީއެމްއޭއިން ބުނާ ގޮތުގައި ހުޝިޔާރު ކެމްޕެއިންގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ކާރިސާތަކާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
hushiyaaru.mv އަކީ މުޖުތަމަޢުއަށް މަޢުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ، ގިނަ ބަސްތަކަކުން އިންޒާރުގެ މެސެޖް ފޯރުކޮށްދޭ އަދި ޢަމަލީ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ މަޢުލޫމާތު ލިބެން ހުންނާނެއެވެ. މީގެ އިތުރުން ރައްކާތަކާ ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވެސް ލިބެން ހުންނާނެއެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި، "ދިވެހިރާއްޖޭގެ ކާރިސާ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު 2024-2030 ގައި ބަޔާންކޮށްފައިވާ 'އިޖާބަދިނުމަށް މުޖުތަމަޢު ބާރުވެރިކުރުވުން' މި މުހިންމު އަމާޒަށް ވާޞިލްވުމަށް ޓަކައި މި ވެބްސައިޓް ޤާއިމްކުރެވިގެން ދިއުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް" ކަމަށެވެ.
މި ޕްލެޓްފޯމް 5 ބަހަކުން ބޭނުންކުރެވޭނެ އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި ވެބްސައިޓް ތަރައްޤީކުރެވިފައިވަނީ ޔޫއެންޑީޕީގެ ފަންޑިން ވިންޑޯ މެދުވެރިކޮށް ޑެންމާކް، ލަކްސެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުތަކުން ދެއްވި އެހީގެ ދަށުންނެވެ.