25 އޮކްޓޫބަރު 2025
ލޮލުގެ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފި، ފޮޓޯ: އައިޖީއެމްއެޗް

ލޮލުގެ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފި

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ލޮލުގެ ފަރުވާއަށް ޙާއްސަ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އައިޖީއެމް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން މި ޚިދުމަތް ފެށުމާއި ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ.

މީގެ ސަބަބުން މިހާރު ރާއްޖެއިން ބޭރުން ލިބެން ހުންނަ ފެންވަރުގެ ފަރުވާ ރާއްޖޭގައި ތިބެގެން ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ. ކުރިން މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭތީ ދިމާވާ ދަތިތަކަށް މިކަމުގެ ސަބަބުން ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ސީއީއޯ ވަނީ އޮފްތަލްމޮލޮޖީ ޓީމުގެ ހިންގުންތެރި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

"މި ކާމިޔާބީ ހަޤީޤަތަކަށް ހެއްދެވުމުގައި އެހީތެރިވެދެއްވި ޑޮކްޓަރ އައްޒާމަށާއި، އޮފްތަލްމޮލޮޖީ ޓީމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ." ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނަލް ސަރޖަރީ، ޑޮކްޓަރ މުހައްމަދު އައްޒާމްގެ ތަޖުރިބާގެ ދަށުންނެވެ. މި ކާމިޔާބީ ހާސިލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ކޮންސަލްޓަންޓް ޑޮކްޓަރ މުހައްމަދު އައްޒާމަކީ، މި ދާއިރާގައި ގިނަގުނަ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާގެ އިރުޝާދުގެ ދަށުން، މިހާރު ލޮލުގެ ފަރުވާދޭ ޓީމަށް ސަބްސްޕެޝަލައިޒްޑް އޮޕަރޭޝަންތައް ކުރުމުގެ ޤާބިލްކަން ލިބިފައިވާކަމަށާއި، މިކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލިއްޔަތު އިތުރުކޮށްދޭނެ ކަމެއްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އަދި މި ހިދުމަތް ފެށުމާއެކު ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ވިޓްރިއޯރެޓިނަލް ސަރޖަރީއަކީ ލޮލުގެ ފަރުވާގެ ތެރެއިން އެންމެ ޚާއްސަ އަދި އެންމެ ނާޒުކު ބަޔެކެވެ. މި ސަރޖަރީގައި އަމާޒުކުރެވެނީ ލޮލުގެ ފަހަތުގައިވާ އަލި އިހުސާސްކުރާ ފަށަލަ ނުވަތަ ރެޓިނާ އާއި، ލޯފުރާފައިވާ ސާފު ޖެލް ނުވަތަ ވިޓްރިއަސް ހިއުމަރ ގައި ދިމާވާ ސީރިއަސް މައްސަލަތައް ހައްލުކުރުމަށެވެ. މީގެ ތެރޭގައި ރެޓިނާ ވަކިވުން (Retinal Detachment) އަދި ޑައިބެޓީސްއާ ގުޅުންހުރި ލޮލުގެ ބަލިތަކަށް ފަރުވާ ދިނުން ފަދަ ކަންކަން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު