ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހި ވަނީ ފެނިފައެވެ. މަސްތުވާތަކެތި އެތެރެކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ފުުލުހުން ހިންގި މި އޮޕަރޭޝަންގައި އެމީހުން އެ ރަށަށް އައި ލޯންޗެއް ވަނީ ބަލާ ފާސްކޮށްފައެވެ. މި ބެލުންތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 30 ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި ދެ ދަޅު ވަނީ ފެނިފައެވެ. މީގެ އިތުރުން ހައްޔަރުކުރި އެކެއްގެ ހަށިގަނޑު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 7 ސެލޯފެން ކޮޅުވެސް ވަނީ ފެނިފައެވެ. މި ހުރިހާ ތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުރިކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގއ. ކޮލަމާފުށީގެ ހަތަރު ދިވެހި ފިރިހެނުންނެވެ. އެމީހުންނަކީ: އުމުރުން 26 އަހަރުގެ ހަސަން ރައްޔާން ރާޝިދު (ކައުސަރު)، އުމުރުން 22 އަހަރުގެ އިސްމާއިލް ހައިޒަމް ހަބީބް (ސޯސަންގޭ)، އުމުރުން 25 އަހަރުގެ އަލީ ޖަނާހް ޖައުފަރ (ޝަބްނަމްގޭ) އަދި އުމުރުން 19 އަހަރުގެ އިބްރާހިމް އަޒާން މުޙައްމަދު (ލީނާ މަންޒިލް) އެވެ. މި ހަތަރު މީހުންނަކީވެސް ގއ. ކޮލަމާފުށީގެ ރައްޔިތުންނެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަކިވަކި މުއްދަތުތަކަށް އެމީހުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އެގޮތުން އިސްމާއިލް ހައިޒަމް ހަބީބްގެ ބަންދަށް 12 ދުވަސް ޖަހާފައިވާއިރު، އަނެއް ތިން މީހުންގެ ބަންދަށް 7 ދުވަސް ވަނީ ޖަހާފައެވެ.
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މި ސީރިއަސް މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖޭގެ ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި، އާންމު ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން މިފަދަ އޮޕަރޭޝަންތައް ހިންގުން އިތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.



