26 އޮކްޓޫބަރު 2025
ލުބްނާނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ދެމީހަކު ޝަހީދުވެއްޖެ؛ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފުނޑާލައިފި، ފޮޓޯ: އޭއެފްޕީ

ލުބްނާނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ދެމީހަކު ޝަހީދުވެއްޖެ؛ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފުނޑާލައިފި

ލުބްނާނުގެ ދެކުނަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ދެ މީހަކު ޝަހީދުވެ، އިތުރު މީހަކަށް ޒަޚަމުވެފައިވާކަމަށް ލުބްނާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މި ހަމަލާތައް ދީފައި މިވަނީ އިޒްރޭލާއި ޙިޒްބުﷲ އާ ދެމެދު ހަމަލާތައް ދިނުން ހުއްޓާލުމަށް ނޮވެމްބަރު 2024 ގައި އެއްބަސްވެފައި ވަނިކޮށެވެ. މީގެ ސަބަބުން މި ސަރަޙައްދުގައި ހަމަނުޖެހުން އަލުން އުފެދުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބެލެވެއެވެ.

ހަމަލާތައް ދީފައި ވަނީ ލުބްނާނުގެ ދެ ސަރަހައްދަކަށެވެ. އެއް ހަމަލާ ދީފައި ވަނީ ނަބަތީޔާ ޑިސްޓްރިކްޓްގެ ހާރޫފްގައި އޮތް ކާރަކަށެވެ. އަނެއް ހަމަލާ ދިނީ ޓައިރް ޑިސްޓްރިކްޓްގެ ޤުލައިލާގައި ސައިކަލެއްގައި ދިޔަ މީހަކަށެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ދެ ހަމަލާގައިވެސް ޝަހީދުވީ ކުށެއް ނެތް އާންމު ރައްޔިތުންނެވެ. ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ އެމީހުން ޝަހީދުކޮށްލީ ޙިޒްބުﷲ ޖަމާއަތުގެ އެންޓި-ޓޭންކް ކޮމާންޑަރެއް ކަމަށްވާ ޒައިން އަލް-އާބިދީން ޙުސައިން ފާތޫނީ ކަމަށެވެ.

2024 ނޮވެމްބަރު މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އިޒްރޭލުގެ ސިފައިން ފަހަތަށް ޖެހުމަށާއި، ޙިޒްބުﷲ ވެސް ފަހަތަށް ޖެހުމަށް ޝަރުތު ކޮށްފައި ވިޔަސް، ދެ ފަރާތުން ވެސް އަދިވެސް ޙަމަލާތައް ދިނުމުގައި ހަރަކާތްތެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއްބަސްވުމަށް ފަހު ވެސް އިޒްރޭލުން ވަނީ އެކި ދުވަސް މަތިން ލުބްނާނަށް ގިނަ އަދަދެއްގެ ބޮން އަޅާފައެވެ. އެގޮތުން އާންމު ރައްޔިތުން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.

މި ހަފްތާގައި މި ދިން ހަމަލާތަކުގެ ސަބަބުން އދގެ ތަޖުރިބާކާރަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އާންމު ރައްޔިތުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބެލެވިދާނެއެވެ. ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި އިޒްރޭލުން އާންމު ރައްޔިތުންނާ ދެކޮޅަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާތީ، އިންސާނިއްޔަތާ ޚިލާފު ޖިނާޢީ ކުށްތައް އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި ދިމާވި މި ހާދިސާތައް ރަމްޒުކޮށްދެނީ މެދުއިރުމަތީގައި އަމަންއަމާންކަން ގެއްލި، ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ނުރައްކަލެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތައް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީގޮތުން އެއްބާރުލުން ލިބެމުން ނުދާތީ، ޙިޒްބުﷲ އާއި އިޒްރޭލާ ދެމެދު އަލުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން އަންދާޒާ ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު