15 ޑިސެންބަރު 2025
(ދިވެހި ވަޠަނީ ޚިދުމަތުގެ) ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނުތައް ހެދުމަށް ފުރުން، ފޮޓޯ| ޑިފެންސް މިނިސްޓްރީ

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބުރުގެ ތަމްރީނުތައް އަންނަ މަހު ފަށަނީ

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބުރުގެ ތަމްރީނުތައް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދިފާޢީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ ޤައުމީ މުހިންމު މަސައްކަތެކެވެ. މީގެ މަޤްޞަދަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި އަޚްލާޤު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، މިހާރު ދަނީ ޕްރޮގްރާމްގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ތަމްރީނުތައް އަންނަ މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ދެވަނަ ބުރުގައި ފުރުސަތު ދޭނީ، ފުރަތަމަ ބުރަށް ކުރިމަތިލި ކުދިންގެ ތެރެއިން ނަންނޯޓުކޮށްފައިވާ ތަރުތީބުންނެވެ.

ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ މާލެއާއި، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ލ. ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫގައެވެ. މި މަރުޙަލާގައި ބައިވެރިން ވަނީ އިންޓަރވިއު، މެޑިކަލް ޓެސްޓް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓް ފުރިހަމަކޮށްފައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށްވެސް 350 ބައިވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު 350 ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ. ފުރަތަމަ ބުރުގެ ތަމްރީނުތައް މިމަހުގެ ފަހުކޮޅު ނިމޭނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. މި ޙަރަކާތަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ގުޅިގެން ހިންގާ ޙަރަކާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު